ކޮވިޑް 19އާ ގުޅިގެން ހާލުގައި ޖެހޭ މީހުންނަށް އެހީތެރިވުމުގެ ގޮތުން ހުޅުމާލޭގައި ހުންނަ ގާޒީ ސްކޫލާއި ރެހެންދި ސްކޫލު ވަގުތީ ހިޔާތަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ކޮވިޑާ ގުޅިގެން ގެއިން ނެރެގެން ނުވަތަ މުޖުތަމައުގެ ތެރެއިން އެކަހެރިވެފައި ތިބޭ މީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީ ކެއިންބުއިމުގެ ހިދުމަތްތައް ދައުލަތުން ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން މާލޭގެ އިމާދުއްދީން ސްކޫލު ވެސް ހާލުގައި ޖެހޭ މީހުން ބޭތިއްބުމަށް މިހާރު ވެސް ދަނީ ބޭނުންކުރަމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގާޒީ ސްކޫލާއި ރެހެންދި ސްކޫލް ވަގުތީ ހިޔާތަކަށް ބަދަލުކުރަނީ އެމްއޭސީއެލްގެ އެހީތެރިކަމާއެކު ކަމަށާއި އެ ދެ ސްކޫލުގެ ތެރެއިން ރެހެންދި ސްކޫލް އަދި ބޭނުންކުރަން ނުފަށާ ކަމަށެވެ. އަދި ބޭނުންވާ މިންވަރަކުން އެހެން ސްކޫލުތައް ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ކޮވިޑާ ގުޅިގެން ކުއްޔަށް އުޅޭ ތަންތަނަށް ކުލި ނުދެއްކުމުގެ ސަބަބުން ބައެއް ގެތަކުން މީހުން ނެރެ މަގުމަތިކުރަމުންދާކަމުގެ ވާހަކަތައް މިފަހަކަށް އައިސް ސޯޝަލް މީޑިއާގައި ވެސް ދަނީ ފެންމަތިވަމުންނެވެ. އެގޮތުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވެސް ވަނީ މިހާތަނަށް ވަންނާނެ ތަނެއް ނެތިގެން 95 މީހަކު ދައުލަތުން ބަލަހައްޓަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
އޭގެ ތެރޭގައި ކުއްޔަށް އުޅޭ ތަނުން ނެރުނު އާއިލާތަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ވެސް ހިމެނޭ ކަމަށް މަބްރޫކު ވިދާޅުވިއެވެ. ކުލި ނުދެއްކިގެން ގެއިން ނެރޭ މީހުން ޖެންޑާ މިނިސްޓްރީގެ ނަންބަރު 3328393 އަށް ގުޅުމަށް އެމިނިސްޓްރީން ވަނީ އެދިފައެވެ.