ޚަބަރު

ސައުދީން ހަދިޔާކުރި ކަދުރު ބެހުމުގެ މަސައްކަތް ލަސްވެގެން އުޅެނީ ލޮކްޑައުންއާ ގުޅިގެން: އިސްލާމިކް މިނިސްޓްރީ

އައިދާ އަބްދުލް ހަކީމް

ކޮންމެ އަހަރަކު ރަމަޟާން މަހާ ދިމާކޮށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާ ކުރާ 50 ޓަނުގެ ކަދުރު މިއަހަރުވެސް ހަދިޔާކޮށްފައިވާ ކަމަށާއި ނުބެހި ލަސްވެގެން އުޅެނީ ގައުމުގެ މިހާރުގެ ހާލަތު އޮތް ގޮތުން ރަށްރަށަށް ފޮނުވުމުގައި ހުރި ދަތިތަކެއްގެ ސަބަބުންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

"ވަން"އަށް މައުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ވިދާޅުވީ ރަށްރަށުގެ ކައުންސިލްތަކަށް ކަދުރު ގެންދެވޭނެ ގޮތެއް ހަމަޖެހި އެ މިނިސްޓްރީއަށް ގުޅުމުން ބޯޓާ ހަމައަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"މިހާރުވެސް އަޅުގަނޑުމެން މިދަނީ ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ބެހުމުގެ މަސައްކަތް ކުރަމުން. އެހެންނަމަވެސް ރަށްރަށަށް ފޮނުވަން ހުރި ކަދުރުތައް ފޮނުވުމުގެ ދަތިތަކެއް އެބަހުރި ކޮވިޑް 19 އާ ގުޅިގެން އައިސްފައިމިވާ ހާލަތުގެ ސަބަބުން. އެހެން ނަމަވެސް އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ކައުންސިލުތަކުން ގުޅާފައި ބުނީމަ ބޯޓާ ހަމައަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް." ޝާފިއު ވިދާޅުވިއެވެ.

ޝާފިއު ވިދާޅުވީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ މީހުންނާއި ފަގީރުންނަށް ކަދުރު ބެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު ފަގީރުންގެ ލިސްޓުގައި ތިބި ފަރާތްތަކަށް ކަދުރު ބެހުމަށްފަހު ބާކީވާ ބައި ހުރިހާ ރައްޔިތުންނަށް ބެހުމަށް ނިންމާފައިވާ ކަމަށް ވެސް ޝާފިއު ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ސައުދީންނާއި އަދި މުސްލިމު ބައެއް އެހެން ގައުމުތަކުންވެސް ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ.