އާސެނަލް އިން ކުޅުންތެރިންގެ މުސާރަ ކުޑަ ކުރަން ނިންމާފައި ވަނިކޮށް މެސުތު އޮޒިލް އާއި އާސެނަލްގެ އިތުރު ދެ ކުޅުންތެރިޔަކު އެކަމާ ދެކޮޅު ހަދައިފިއެވެ.
ކޮވިޑް 19 ގެ ސަބަބުން ކުލަބަށް ދިމާވާނެ މާލީ ގެއްލުންތަކުން އަރައިގަތުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މުސާރަ ކުޑަކުރިކަން އިއުލާނުކުރި ޕްރިމިއާ ލީގުގެ ފުރަތަމަ ޓީމު ކަމުގައިވާ އާސެނަލް އިން ހޯމަ ދުވަހު ބުނެފައިވަނީ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންގެ މުސާރައިން 12.5 އިންސައްތަ އުނިކުރަން ނިންމާފައިވާކަމަށެވެ.
ކޮވިޑް 19 ގެ ސަބަބުން ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލާފައިވާއިރު މީގެ ހަ ހަފުތާ ކުރިން ކޮވިޑް 19 ޖެހިގެން ފަރުވާހޯދި އާސެނަލްގެ ކޯޗު މިކެލް އާޓެޓާވެސް ވަނީ މުސާރަ ކުޑަކުރުމަށް ކުލަބުން ނިންމި ނިންމުމަށް އެއްބަސްވެފައެވެ. މިހާރު ބަލިން ފަސޭހަވެފައިވާ އާޓެޓާ ވަނީ މުސާރަ ކުޑަކުރުމަށް ކުރެވުނު މަޝްވަރާތަކުގައިވެސް އިސް ދައުރެއް އަދާކޮށްފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން މަޝްހޫރު ކުޅުންތެރިޔާ އޮޒިލް ބުނެފައިވަނީ އެހެން ކުޅުންތެރިންގެ ނިންމުމަށް އޭނާ އިހުތިރާމު ކުރާ ކަމަށާއި ނަމަވެސް އޭނާގެ މުސާރަ އުނިކުރަން އެއްބަސް ނޫން ކަމަށެވެ. އާސެނަލްގެ މިޑްފީލްޑާ 31 އަހަރުގެ އޮޒިލް އަކީ ހަފުތާއަކު 350،000 ޕައުންޑްގެ އާމްދަނީއެއް ލިބޭ ކުޅުންތެރިއެކެވެ. ކްލަބުގެ އެދުމަށް މުސާރަ ކުޑަކުރި ނަމަވެސް ޓެކްސްއާއި ނުލައިވެސް ހަފުތާއަކު އާމްދަނީގެ ގޮތުގައި 306،000 ޕައުންޑް ލިބޭނެއެވެ. އޮޒިލްގެ އެޖެންޓް ވަނީ މިކަމާ ގުޅޭ ގޮތުން މީޑިއާގައި ވާހަކަ ދެއްކުމަށް ދެކޮޅު ހަދާފައެވެ.
މިދިޔަ ހޯމަ ދުވަހު އާސެނަލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުލަބުން ކުޅުންތެރިންނާއި ކޯޗު އަދި ބައެއް ސްޓާފުންގެ މުސާރައިން 12.5 އިންސައްތަ އުނިކުރަން ނިންމި ނިންމުން މިމަހުން ފެށިގެން ތަންފީޒު ކުރާނެ ކަމަށެވެ. އެކަމާ ގުޅޭ ލިޔެކިޔުންތައް ކުރިޔަށް ހުރި ހަފުތާތަކުގެ ތެރޭގައި ތައްޔާރު ކުރާނެ ކަމަށާއި، މި ސީޒަނުގައި ކްލަބުން އަމާޒު ހިފާފައިވާ ލަނޑުދަނޑިތައް ހާސިލުވެއްޖެނަމަ ކުޅުންތެރިންނަށް މުސާރައިން އުނިކުރި ބައި ދޭނެ ކަމަށްވެސް އާސެނަލުން ބުނެފައި ވެއެވެ.
އޮޒިލް އަކީ ޗެރިޓީތަކަށް ގިނައަދަދެއްގެ ފައިސާ ހޭދަކުރާ ކުޅުންތެރިއެވެ. އެގޮތުން އޭނާ ވަނީ ތުރުކީ އާއި ސީރިއާ އަދި ބްރެޒިލްގައި އެހީތެރިކަން ބޭނުންވެފައިވާ ގިނަ އަދަދެއްގެ ފަގީރުންނަށް އެހީތެރިވެފައެވެ.