ޚަބަރު

ވިލިވަރުގައި ބިދޭސީން ބޭތިއްބި ތަނުގެ ހާލަތާމެދު މައާފަށް އެދި، އެމީހުން އިރުފުއްޓަށާއި ކުޑަބަނޑޮހަށް

މާލެއިން ވިލިވަރު ކަރަންޓީން ފެސިލިޓީއަށް ގެންދެވުނު ބިދޭސީން ބޭތިއްބި ތަނަކީ މީހުން ބައިތިއްބަން ގެންދާވަރުގެ ތަނެއް ނޫންކަން ގަބޫލުކުރާ ކަމަށާއި އެހެންކަމުން އެކަމަށް މައާފަށް އެދޭ ކަމަށް ސަރުކާރުން ބުނެފިއެވެ.

މާލޭގައި އުޅެމުންދިޔަ 80 ބިދޭސީއަކު ވިލިވަރަށް ބަދަލުކުރީ އިއްޔެއެވެ. ނަމަވެސް އެތަނަށް ގެންދެވުނު ބިދޭސީން ތިބި ތަނުގެ ހާލަތު ފެންނަ ވީޑިއޯއަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

އެކަމާ ގުޅިގެން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، މާލޭގައި އުޅޭ 80 ބިދޭސީއަކު ވިލިވަރަށް އިއްޔެ ގެންދެވުނީ މާލޭގައި ބިދޭސީން ދިރިއުޅޭ ގިނަ ތަންތަނެއް މޮނީޓަރިންއަށް ގެންދެވިފައިވާތީ އާއި މާލޭގައި ބިދޭސީން ތިބޭ ގިނަ ތަންތަނަކީ ތޮއްޖެހިގެން ގިނަ ބަޔަކު ތިބޭ ތަންތަނަށްވުމާއި އެއީ ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށްވާތީވެ އެމީހުން އެހެން ތަނަކަށް ބަދަލުކުރަން ނިންމުމުން ކަމަށެވެ.

އެގޮތުން ވިލިވަރަށް އެމީހުން ގެންގޮސް ބޭތިއްބީ އެރަށް ރިސޯޓަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއިރު އެތަނުގެ ކޮންސްޓްރަކްޝަން މަސައްކަތްކުރާ މީހުން ބޭތިއްބި ތަނުގައި ކަމަށާއި ނަމަވެސް އެމީހުން އެތަނަށް ގެންދިޔައީ ގިނަ ދުވަހު އެތަނުގައި ބައިތިއްބަން ނޫން ކަމަށް މަބްރޫކު ވިދާޅުވިއެވެ.

"މިކަމާ ގުޅިގެން ކުރެވޭ ސުވާލު، އެބޭފުޅުން ރޭގެ އެގެންދެވުނު ތަނަކީ ބައިތިއްބަން ރަނގަޅު ތަނެއްތޯ އަޅުގަނޑުމެން ސާފުކޮށް ބުނަން ބޭނުން، ގިނަ ދުވަހު އެތާ ބައިތިއްބާކަށް ނޫން ފުރަތަމަ ކަމަކީ. ދެވަނަ ކަމަކީ އިންތިހާއަށް މައާފަށް އެދެން. އެއީކީ މީހުން ބައިތިއްބަން ގެންދާވަރުގެ ތަނެއް ނޫން އެގޮތަށް އެކަމެއް ނުވެސް ކުރާނެ،" މަބްރޫކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެތަނަށް ގެންދިޔަ ގިނަ ބަޔަކު މިހާރު ސަން ސިޔާމު އިރުފުއްޓަށް އަދި އަނެއް ބަޔަކު ކުޑަބަނޑޮހަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މާލޭގައި ބަލި ފެތުރޭ އަދަދު ގިނަވެއްޖެނަމަ ގިނަ ބަޔަކު ގެންދެވޭނެ ގޮތަށް ވިލިވަރުގައި ފެސިލިޓީތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެތަނަށް ދެން މީހުން ގެންދާނީ އެ މަސައްކަތް ނިމުމުން ކަމަށް މަބްރޫކު ވިދާޅުވިއެވެ.