އަގު ކޮންޓްރޯލުކޮށްފައިވާ މުދަލުގެ ބާވަތްތައް ކަނޑައަޅާފައިވާ ރީޓެއިލް އަގަށްވުރެ ބޮޑުކޮށް ވިއްކާނަމަ އެކަން ރިޕޯޓުކުރުމަށް އިކޮނޮމިކް މިނިސްޓްރީން އެދިއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނީ މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން، މުދަލެއް ވަކިވަކިން ވިއްކޭނެ އެންމެ މަތީ އަގު އެ މިނިސްޓްރީން ކަނޑައަޅާފައިވަނިކޮށް، ކޮންޓްރޯލުކުރެވުނު އަގަށްވުރެ ބޮޑުކޮށް، މުދާ ވިއްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަން ތަކުރާރުކޮށް އަންގާ ކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތަކުގެ މައުލޫމާތު އެމިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
އެގޮތުން އަގު ކޮންޓްރޯލްކޮށްފައިވާ މުދަލެއް، އަގުބޮޑުކޮށް ވިއްކައިފިކަން އެ މިނިސްޓްރީއަށް ފާހަގަކުރެވޭ ފުރަތަމަ ފަހަރު، އެ ފަރާތެއް އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރަން އެ މިނިސްޓްރީން ވަނީ ނިންމައިފައެވެ. އަދި ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ ފަރާތެއް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އަދި ހަމަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގުމަށް ވެސް ނިންމާފައިވެއެވެ.
ރާއްޖެގައި ވިއްކާ ހަނޑޫ، ހަކުރު އަދި ފުށަކީ އަގު ކޮންޓްރޯލުކޮށްފައިވާ މުދަލެވެ. މީގެ އިތުރުން މިހާރު އަގު ކޮންޓްރޯލް ކޮށްފައިވާ ތަކެތީގެ ތެރެއިން ފިޔާ އަދި އަލުވި ކިލޯއެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 20 ރުފިޔާއެވެ. ރީނދޫ މުގު ކިލޯއެއް އެންމެ ބޮޑުކޮށް ވިއްކޭނީ 45 ރުފިޔާއަށެވެ. އަދި ބިހެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 1.80 ރުފިޔާއަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ.
އެގޮތުން އަގު ކޮންޓްރޯލުކޮށްފައިވާ މުދަލުގެ ބާވަތްތައް ކަނޑައަޅާފައިވާ ރީޓެއިލް އަގަށްވުރެ ބޮޑުކޮށް ވިއްކާނަމަ އެ މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ޝަކުވާ ހުށަހަޅައިދިނުމަށް އެމިނިސްޓްރީން ވަނީ އެދިފައެވެ.