ޚަބަރު

ދިރާގު ރޯޑް ރޭސް އަންނަ އަހަރަށް ފަސްކޮށްފި

އައިދާ އަބްދުލް ހަކީމް

ދިރާގުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ދިރާގު މޯލްޑިވްސް ރޯޑް ރޭސް، ކޮވިޑް 19 އާ ގުޅިގެން އަންނަ އަހަރަށް ފަސްކޮށްފިއެވެ.

އެކުންފުނިން ބުނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ހަރަކާތް އަހަރަށް ފަސްކުރަން ނިންމީ މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އިން މުޖުތަމައު ސަލާމަތްކޮށް ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

މީގެ އިތުރުން ކޮވިޑް 19 މުޖުތަމައުގައި އިތުރަށް ފެތުރަނަ ނުދިނުމަށްޓަކައި އިޖުތިމާއީ ގައިދުރުކަން ދަމަހެއްޓުމަކީ އެންމެ މުހިންމު އެއް ކަމެއް ކަމުގައިވާތީ، މީހުން ގިނައިން އެއްވާ އެއްވެސް ބޮޑު ހަރަކާތެއް މިއަހަރު ދިރާގުން ނުބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ދިރާގު މޯލްޑްވިސް ރޯޑް ރޭހަކީ ރާއްޖެއާއި ދުނިޔޭގެ އެކި ހިސާބުތަކުން އެތައް ހާސް މީހުން ބައިވަރިވާ ހަރަކާތެކެވެ. އެކުންފުނިން މެދުކެނޑުމެއް ނެތި 13 އަހަރު ވަންދެން ރާއްޖޭގައި ބާއްވަމުން އަންނަ ދުވުމުގެ އެންމެ ބޮޑު ހަރަކާތް ފަސްކުރަން ޖެހުން ވެގެން ދިޔައީ އެކުންފުންޏަށް ވަރަށް ދަތި އަދި ހިތާމަވެރި ނިންމުމެއް ކަމަށް ދިރާގުން ބުނެއެވެ.

އެހެން ނަމަވެސް، ދުވުންތެރިންނާއި މުޖުތަމައުގެ ދުޅަހެޔޮ ސިއްހަތާއި، ސަލާމަތާއި ރައްކާތެރިކަމަކީ ދިރާގުން އެންމެ މުހިންމު އަދި އެންމެ ބޮޑު އިސްކަމެއް ދޭ ކަންތައްތައް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.