ޚަބަރު

"ލަކްސް" އިން ސޯލާ ޕެނަލް ބޭނުންކޮށްގެން ކަރަންޓު ދޭން ފަށައިފި

އަހުމަދު ޖައިޝަން

އިރުގެ އަވިން ހަކަތަ އުފައްދާ، ލަކްސް ސައުތު އަރި އެޓޯލް ރިޒޯޓުގައި ކަރަންޓުގެ ހިދުމަތް ދޭން ފަށައިފި އެވެ.

ލަކްސްގައި ސޯލާ ޕެނަލް ބޭނުންކޮށްގެން ތިމާވެށްޓާ އެކުވެރިގޮތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގައެވެ.

މިހާރު އެ ރިޒޯޓުގެ ބައެއް ސަރަހައްދުތަކުގައި ކަރަންޓު ފޯރުކޮށްދެނީ އެ ރިޒޯޓުގެ އިމާރާތްތަކުގެ ހުރިހާ ފުރާޅުތަކުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލް އިން ކަމަށް ލަކްސް އިން ބުނެއެވެ.

ނަމަވެސް މުޅި ރިޒޯޓު އެއްކޮށް ޑީސަލް ބޭނުންކުރުން ހުއްޓާލައި ސޯލާ ޕެނަލްގެ އެހީގައި ތިމާވެށްޓާ އެކުވެރި ސިސްޓަމެއް އެއްކޮށް ގާއިމުކުރުމުގެ މަސައްކަތް އަދި ނުނިމޭ ކަމަށް ރިޒޯޓުން ބުނެއެވެ.

ލަކްސް އިން ބުނީ އެ ރިޒޯޓަށް ކަރަންޓު ފޯރުކޮށްދިނުމަށް އަންނަ އަހަރުގެ ކުރީކޮޅުގައި އިތުރު ސޯލާ ޕެނަލްތައް ގާއިމުކުރާނެ ކަމަށެވެ.

އެ ރިޒޯޓުގެ ލަނޑުދަނޑިއަށް ވާސިލުވުމުން ކޮންމެ އަހަރު 234،000 ލީޓަރެއްހާ ޑީސަލް ބޭނުންކުރުން ހުއްޓިގެން ދާނެ ކަމަށް ލަކްސް އިން ބުންޏެވެ.

"ދެވަނަ ފޭސްގެ މަސައްކަތް ނިމުމުން އަޅުގަނޑުމެންނަށް ކަރަންޓަށް ކުރެވޭ ހޭދަ ކޮންޓްރޯލް ކުރެވިގެން ދާނެ،" ލަކްސް ސައުތު އަރި އެޓޯލްގެ ޖެނެރަލް މެނޭޖާ ޖޯނަލް އަމްސްޓާޑް ވިދާޅުވިއެވެ.