ޚަބަރު

އުރީދޫން 35 ރުފިޔާއަށް އެއް ޖީބީ ޑޭޓާއާއެކު މުޅި ދުވަހު އަންލިމިޓެޑް ކޮށް ގުޅާލެވޭ ޕެކޭޖެއް

އައިދާ އަބްދުލް ހަކީމް

އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް 1 ޖީބީ ޑޭޓާ އާއި އެކު މުޅި ދުވަހު އުރީދޫ ނަންބަރުތަކަށް ގުޅާލުމަށް އަންލިމިޓެޑް ކޯލްސް 35ރ އަށް އުރީދޫ މޯލްޑިވްސްއިން ޑެއިލީ ޑޭޓާ ކޮންބޯގެ ނަމުގައި ރަމަޟާން މަހަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ތައާރަފު ކޮށްފިއެވެ.

އުރީދޫން ބުނީ އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ގެ ރަމަޟާން މަހާ ކުރިމަތިލާން ދިވެހިން ތައްޔާރުވަމުން އަންނަނީ އާއިލާއާ ރައްޓެހިންނާއި ދުރުގައި، ގައިދުރުކަން ދަމަހައްޓަމުން ކަމަށެވެ. އާއިލީ ގުޅުން އަދި ރައްޓެހިންގެ ހާލު އަހުވާލު ބަލައި ހެދުމަށް މުވާސަލާތީ ހިދުމަތްތައް އިހުނަށްވުރެ ބޮޑަށް ވަނީ މުހިންމު ވެފައެވެ. އުރީދޫން ބުނީ މި އޮފާ ހާއްސަ ކޮށްފައިވަނީ ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް ހިދުމަތްތައް ލިބިގަތުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އުރީދޫން ބުނީ ރައްކާތެރިކަމާއެކު ގޭގައި ތިބެގެން ޑެއިލީ ޑޭޓާ ކޮމްބޯ އަދި އެހެނިހެން އުރީދޫ ހިދުމަތްތައް ހޯދުމުގައި ކަސްޓަމަރުންނަށް ފަސޭހައިން އެކްޓިވޭޓް ކުރެވޭނެ ގޮތްތައް ހަމަޖައްސާފައި ވާ ކަމަށެވެ. އެގޮތުން ޑެއިލީ ޑޭޓާ ކޮމްބޯ އުރީދޫ އެޕް މެދުވެރިކޮށް އަދި 1#*929* އަށް ގުޅުއްވައިގެންވެސް އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ.

ކޮވިޑް 19 އާ ގުޅިގެން ދުނިޔެ ކުރިމަތިލަމުންދާ މި އުނދަގޫ ދުވަސްތަކުގައި ދިވެހި މުޖުތަމައު ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް ގުޅުވައިދިނުމަށް ވަރަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެއެވެ. އެގޮތުން ޑެއިލީ ޑޭޓާ ކޮމްބޯ އޮފާ އާއި އެކު ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ލުޔެއް ލިބި، ގިނަ ބަޔަކަށް މެދުކެނޑުމެއް ނެތި އިންޓަނެޓްގެ ހިދުމަތް ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

މި އޮފާ އާއި ބެހޭ އިތުރު މައުލޫމާތު ހޯދާލުމަށް: http://www.ooredoo.mv