ޚަބަރު

ބަންގްލަދޭޝުން ވެދިން އެހީތެރިކަމަށް ޝައިހް ހަސީނާއަށް ގުޅުއްވައި، ރައީސް ޝުކުރު އަދާކުރައްވައިފި

ކޮވިޑް 19އާ ގުޅިގެން ބަންގްލަދޭޝުން ރާއްޖެއަށް ވެދިން އެހީތެރިކަމަށްޓަކައި އެގައުމުގެ ބޮޑުވަޒީރު ޝައިހް ހަސީނާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޯނުން ގުޅުއްވައި، ޝުކުރު އަދާ ކުރައްވައިފިއެވެ.

ކޮވިޑާ ގުޅިގެން ބަންގްލަދޭޝުން ވަނީ އެގައުމާއި ނޭޕާލުގައި ތާށިވެފައި ތިބި 71 ދިވެހިން ބަންގުލަދޭޝްގެ އަސްކަރީ މަތިންދާ ބޯޓެއްގައި މިދިޔަ ހޯމަ ދުވަހު ރާއްޖެ ގެނެސްދީފައެވެ. އެއީ ނޭޕާލުގައި ތިބި 18 ދިވެހިންނާއި ބަންގުލަދޭޝްގެ އެކި ސިޓީތަކުގައި ތިބި 53 ދިވެހިންނެވެ. މީގެ ތެރޭގައި ތިބީ ސްޕެޝަލައިޒްވުމަށް ގޮސް ތިބި މެޑިކަލް ޑޮކްޓަރުންނާއި މެޑިސިން ކިޔަވަމުން އަންނަ ދަރިވަރުންނެވެ. އަދި އެ ފްލައިޓުގައި ބަންގްލަދޭޝްގެ މެޑިކަލް ޓީމެއް ވެސް ރާއްޖެއަށް ފޮނުވިއެވެ.

އޭގެ އިތުރުން އެގައުމުގެ އަސްކަރީ މަނަވަރެއްގައި ފޮނުވި 100 ޓަނުގެ ތަކެތި ވެސް މިއަދު ވަނީ ރާއްޖެއަށް ހަދިޔާ ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ބޭހާއި މެޑިކަލް ސާމާނުގެ އިތުރުން ކާބޯތަކެއްޗެވެ.

ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު ޝައިހް ހަސީނާއަށް ފޯނުން ގުޅުއްވައި، ކުރެއްވި މަޝްވަރާތަކުގައި ބޭރުގައި ތާށިވެފައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނެސް ދިނުމާއި ކޮވިޑާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އެހީވުމަށް ފޮނުއްވި އެހީތަކަށް އެގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައިވާ ކަމަށެވެ.