ޚަބަރު

ދުންފަތުގެ އިސްއުމާލުކުރާ މީހުންނަށް ކޮވިޑް 19 ޖެހުމުގެ ފުރުސަތު ބޮޑު: ޑަބްލިޔުއެޗްއޯ

އަލީ ޔާމިން

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ކޮވިޑް 19 ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފިއެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ ކޮވިޑް 19 ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު އެބަލީގައި 170،000 ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ޑަބްލިޔުއެޗްއޯއިން ބުނީ، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކޮވިޑް 19ގެ ވައިރަސް ފަސޭހައިން ހަށިގަނޑުގެ ތެރެއަށް ވާސިލް ކޮށްދޭ ކަމަށެވެ. އަދި ދުންފަތަކީ ނޭވާލާ ނިޒާމު ބަލިކަށިކޮށްލާ އެއްޗެއް ކަމަށާއި، އެހެންކަމުން އެ ފަދަ މީހަކަށް ބަލި ޖެހިއްޖެ ނަމަ ހާލު ދެރަވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"ދުންފަތުގެ އިސްތިއުމާލު ކުރުމުން ފުއްޕާމޭގެ އިތުރުން ހަށިގަނޑުގެ އެހެނިހެން ގުނަވަންތައްވެސް ހަލާކުކޮށްލާ. މިކަމުގެ ސަބަބުން އެމީހަކަށް ކޮވިޑް 19ޖެހުމުގެ ފުރުސަތު ބޮޑުވޭ" ޑަބްލިޔުއެޗްއޯއިން ބުނެފައިވެއެވެ.

މީގެ އިތުރުން ޑަބްލިޔުއެޗްއޯއިން ބުނީ ސީޝާ އަދި ވޭޕް ފަދަ ތަކެތި ބުއިމަކީވެސް ރައްކާތެރިކަމެއް ނޫން ކަމަށެވެ. އެފަދަ ތަކެތި އެކަކު އަނެކަކަށް ހިއްސާކުރުމުގެ ސަބަބުން ވައިރަސް ފަސޭހައިން ފެތުރޭ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ޑަބްލިޔުއެޗްއޯއިން ވަނީ ސިއްހީ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް އިލްތިމާސްކޮށްފައެވެ.