އިބްރާހިމް ޒަކީ
ކުރިއަށް އޮތް ތިން މަހަށް ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައްކޮށް، އިގުތިސޯދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް މަދުވެގެން 4.2 ބިލިއަން ރުފިޔާގެ ފައިނޭންސިން ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ކޮވިޑް 19 އާގުޅިގެން ދިމާވެފައިވާ އިގްތިސާދީ ދަތިކަމުގެ ސަބަބުން ދައުލަތުން ހަރަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރަށް ފައިސާ ނެގުމަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލު ކުރުން އަހަރު ދުވަހުގެ މުއްދަތަށް އިސްތިސްނާކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ލިއުމުގައެވެ.
އެ ލިއުމާއެކު ފިނޭންސް މިނިސްޓަރު މަޖިލީހަށް ފޮނުއްވި ލިއުމުގައިވަނީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ފިސްކަލް ހަމަތަކަކީ، އެއަށް މި މިނިސްޓްރީން އަމަލުކުރުން ލާޒިމް ހަމަތަކެއްކަމުގައި ވީނަމަވެސް، މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް 19 ގެ ސަބަބުން، ގައުމުގެ އިގްތިސާދީ އަދި މާލީ ހާލަތަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކު، އެ ގާނޫނުގެ 32 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ބައެއް ފިސްކަލް ހަމަތަކާއެއްގޮތަށް އަމަލު ކުރުމަކީ އިގްތިސާދީގޮތުން ކުރެވޭނެ ކަމެއްނޫން ކަމަށެވެ.
އެ ހާަލތުގައި ހަމަ ފިސްކަލް ހަމަތަކަށް އަމަލުކުރަން އުޅެފިނަމަ، މިކަމުގެ ސަބަބުން ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށާއި، ދައުލަތުގެ ހިންގުމަށް ވަރަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވުމުގެ ބިރު އޮތްކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ
މިނިސްޓަރު ވިދާޅުވެފައިވަނީ ދައުލަތަށް އާމްދަނީގެ ގޮތުގަ އާއި ފައިނޭންސިންގގެ ގޮތުގައި ވަންނަ ފައިސާ އިންތިހާއަށް މަދުވެފައިވުމާއެކު، ކުރުމުއްދަތުގައި ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި އިތުރު ފައިސާ ހޯދޭނެ ގޮތްތައް ހޯދަން ޖެހިފައިވާ ކަމަށެވެ.
އެގޮތުގެ މަތިން، ތިން މަހަށް ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައްކޮށް، އިގްތިސާދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް އެންމެ މަދުވެގެން 2.4 ބިލިއަން ރުފިޔާގެ ފައިނޭންސިންގ ބޭނުންވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.