ކުޑަކުއްޖަކާއެކު ބަދު އަޚްލާގީ އަމަލު ހިންގި މައްސަލައެއްގައި 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) މިއަދު މިނިވަން ކޮށްފިއެވެ.
ހޯރަ އިއްބެ މިނިވަން ވުމާއެކު އެކަން އާންމުކޮށް ނަގާފައިވާ ފޮޓޯއެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
ހޯރަ އިއްބެ ގޭ ބަންދުގައި ތިން ދުވަހު ބެހެއްޓުމަށްފަހު މިނިވަން ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާކަމަށް ރައީސް އޮފީހުން ބުނެފައިވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ.
ހޯރަ އިއްބެ މިނިވަން ކުރަން ނިންމާފައި ވަނީ 2016 ވަނަ އަހަރު އޭނާ ގެއަށް ބަދަލު ކުރުމަށް ކްލެމެންސީ ބޯޑުން ނިންމާފައިވާ ނިންމުމަށް ރިއާޔަތްކޮށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީކަން ކުރެއްވި ހޯރަ އިއްބެ ހައްޔަރުކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ގ. މާވަސް، ކިޔާ ގެއަކުން ކުށުގެ ވެށީންނެވެ. އަދި އޭނާގެ މައްޗަށް ދިހަ އަހަރުގެ ޖަލު ހުކުމެއް އިއްވީ 12 ޖެނުއަރީ 2013 ގައެވެ