އަލީ ޔާމިން
ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގާ ސިންގަޕޫރުގެ ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް)ގެ އޯނަރު އަދި ބިލިއަނަރު އޮންގް ބެންގް ސެންގް ރާއްޖެއަށް 15 ވެންޓިލޭޓަރު ހަދިޔާކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އޮންގް ބެންގް ސެންގް ވަނީ ރާއްޖެއަށް 15 ވެންޓިލޭޓަރުގެ އިތުރުން 100،000 ފޭސް މާސްކްވެސް ހަދިޔާ ކުރައްވާފައި ކަމަށެވެ. އެތަކެތި މިހާރު ވަނީ ސިންގަޕޫރުގައި ހުންނަ ދިވެހި ހައިކޮމިޝަނާ ހަވާލުކޮށްފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ފޮރިން މިނިސްޓްރީން ބުނީ ސިންގަޕޫރުގެ އިތުރު ކުންފުންޏެއްގެ ފަރާތުން ރާއްޖެއަށް ވަނީ 5،000 ޓެސްޓް ކިޓުވެސް ހަދިޔާކޮށްފައިވާ ކަމަށާއި އެތަކެތިވެސް ވަނީ ސިންގަޕޫރުގައި ހުންނަ ދިވެހި ހައިކޮމިޝަނާ ހަވާލުކޮށްފައި ކަމަށެވެ.
ރާއްޖޭގައިވެސް ކޮވިޑް 19 ފެތުރެމުންދާއިރު ރާއްޖޭގެ ސިއްހީ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތް ކުރަމުންނެވެ. އަދި ސަރުކާރުގެ އެ މަސައްކަތަށް ބޭރުގެ އެކި ފަރާތްތަކުގެ ދީލަތި އެހީތައްވެސް އަންނަނީ ލިބެމުންނެވެ.
ރާއްޖޭގައި ކުރިން ހުރީ 97 ވެންޓިލޭޓަރެވެ. އޭގެ ފަހުން އިތުރު ހަ ވެންޓިލޭޓަރު ގެނެސްފައިވާ ކޮވިޑް ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.