ޚަބަރު

ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތަށް ބޭނުންވާ ބޭހާއި މެޑިކަލް ސާމާނު ބަންގުލަދޭޝް އިން ހަދިޔާކޮށްފި

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް ބަންގުލަދޭޝުން ބޭހާއި މެޑިކަލް ސާމާނުގެ އިތުރުން އަސާސީ ބައެއް ތަކެތި ހަދިޔާކޮށްފިއެވެ.

ބަންގުލަދޭޝްގެ ނޭވީ މަނަވަރެއްގައި ރާއްޖެ ގެނައި 100 ޓަނުގެ އެ ތަކެތި ހަދިޔާކޮށްފައި ވަނީ މިއަދު ހެނދުނު މާލޭ ޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ، ބަންގުލަދޭޝުން ރާއްޖެއާ ދޭތެރޭ ބާއްވާ ގާތް އެކުވެރިކަމަށްޓަކައި އެގައުމުގެ ބޮޑުވަޒީރު ޝެއިހް ހަސީނާއަށް ޝުކުރު އަދާ ކުރައްވައިފައެވެ.

އޭގެ އިތުރުން މިދަނޑިވަޅުގައި ބަންގުލަދޭޝުން ރާއްޖެއަށް ދިން އެހީތެރިކަމުގެ ސަބަބުން ކޮވިޑް 19އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ބަންގުލަދޭޝުން ރާއްޖެއަށް ކަނޑައެޅި އާ ހައި ކޮމިޝަނަރު ރާއްޖެ ވަޑައިގަތުމާއެކު ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ގިނަ މަސައްކަތްތައެއް ކޮށްދެއްވަމުން ގެންދަވާ ކަމަށް ވެސް މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

އެގޮތުން ކޮވިޑް 19އާ ގުޅިގެން ނޭޕާލާއި ބަންގުލަދޭޝުން ރާއްޖެ ނާދެވި އެގައުމުގައި ތާށިވެފައި ތިބި 71 ދިވެއްސަކު ބަންގުލަދޭޝްގެ އެއާފޯސްގެ އެހީތެރިކަމާއެކު ގެނެސްދީފައިވާކަން ފާހަގަ ކުރެއްވިއެވެ.

އިއްޔެ އައި އެ ފްލައިޓުގައި ނޭޕާލުގައި ތިބި 18 ދިވެހިންނާއި ބަންގުލަދޭޝްގެ އެކި ސިޓީތަކުގައި ތިބި 53 ދިވެހިން ރާއްޖެ ގެނެސްފައިވެއެވެ. މީގެ ތެރޭގައި ތިބީ ސްޕެޝަލައިޒްވުމަށް ގޮސް ތިބި މެޑިކަލް ޑޮކްޓަރުންނާއި މެޑިސިން ކިޔަވަމުން އަންނަ ދަރިވަރުންނެވެ.