ކޮވިޑް 19 އާ ގުޅިގެން ދޭންޖެހޭ އެހީތެރިކަން ދިނުމުގައި ދިވެހި ސަރުކާރުން ދިވެހިންނާއި ބަންގުލަދޭޝްގެ ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުއްﷲ ޝާހިދު ވިދާޅު ވެއްޖެއެވެ.
މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން ބަންގްލަދޭޝް އިން ރާއްޖެއަށް ފޯރުކޮށްދިން ކާނާއާއި ބޭސް އަދި މެޑިކަލް ސާމާނު ހަވާލުވުމަށް މިއަދު އޮތް ރަސްމިއްޔާތެއްގައެވެ. ބަންގުލަދޭޝްގެ ނޭވީގެ އެހީތެރިކަމާއި އެކު 100 މެޓްރިކް ޓަނަށްވުރެ ގިނަ ކާނާއި ބޭސް އަދި މެޑިކަލް އިކުއިޕްމަންޓް ވަނީ ރާއްޖެއަށް ފޯރުކޮށްދީފައެވެ.
"ރާއްޖޭގައި އުޅޭ ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުންނަށް ކޮވިޑް 19 ބަލި ޖެހިފައިވޭ. ނަމަވެސް އަޅުގަނޑު ޔަގީން ކޮށްދޭން ބޭނުން ވަނީ ދިވެހިންނާއި ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ދިވެހި ސަރުކާރުން އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެ ކަން، ނުވަތަ އެހެން ގައުމެއްގެ މީހަކުވެސް ތަފާތު ނުކުރާނެ ކަން." ޝާހިދު ވިދާޅުވިއެވެ.
ކޮވިޑް 19 އާ ގުޅިގެން ސިއްހީ އެހީތެރިކަމާއި ދޭން ޖެހޭ ހުރިހާ އެހީތެރިކަމެއް ރާއްޖޭގައި ތިބި ހުރިހާ އެންމެންނަށް ރާއްޖެ މީހުންނާއި ތަފާތު ކުރުމެއް ނެތި ދިވެހި ސަރުކާރުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވައިފައެވެ.
ޝާހިދު ވިދާޅުވީ މިއަދު ބަންގްލަދޭޝްގެ ސަރުކާރުން މިދިން އެހީތެރިކަމުން ރަމްޒު ކޮށްދެނީ ހަގީގަތުގައިވެސް ރާއްޖެއާއި ބަންގްލަދޭޝަކީ އެކުވެރި ގާތް ގުޅުމެއް އޮންނަ ދެގައުމު ކަން ކަމަށެވެ. އެކަމަށްޓަކައި ޝާހިދުވަނީ ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އަށް ޝުކުރު އަދާކޮށްފައެވެ.
މީގެ އިތުރުން މިރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް 19 އާ ގުޅިގެން ލޮކްޑައުން ވުމާއި ގުޅިގެން ނޭޕާލާއި ބަންގްލަދޭޝްގައި ނާދެވި ތިބި 71 ދިވެއްސަކު ބަންގްލަދޭޝްގެ އެއާފޯސްގެ އެހީތެރިކަމާ އެކު ގެނެސްދީފައިވާ ކަންވެސް ފާހަގަ ކުރައްވާފައެވެ.