ޚަބަރު

މޫސުމީ ބަދަލުތަކާއި ކޮވިޑް 19 އެކުވުމުން ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ނުރައްކާ ބޮޑުވޭ: ރައީސް ސޯލިހު

މަރިޔަމް ޝަހުދާ

މޫސުމީ ބަދަލުތަކާއި ކޮވިޑް 19 އެކުވުމުން ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ނުރައްކާ ބޮޑުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުން އަންނަ "އާތު ޑޭ" އާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިން ނުވާވަރަށް ނުރައްކާ ބޮޑުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މޫސުމީ ބަދަލުތަކުގެ ތެރެއަށް ކޮވިޑް 19 އިތުރުވުމުން ރާއްޖެ ފަދަ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ނާޒުކު ގައުމުތަކަށް ނުރައްކާ ބޮޑުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތްތާގައި މިފަދަ ހާލަތްތަކަށް ތައްޔާރު ވާއިރު، މޫސުމީ ބަދަލުތަކަށާއި، ކޮވިޑް 19 ފަދަ ބަލިމަޑުކަމުގެ ހާލަތަށް ވެސް ރިއާޔަތްކޮށް ވިސްނުން ބަހައްޓަން ޖެހޭ ކަމަށެވެ.

މުޅި ދުނިޔޭގައިވެސް ކޮންމެ އަހަރަކު "އާތު ޑޭ" ފާހަގަ ކުރަމުން އަންނަނީ އޭޕްރީލް 22 ގައެވެ. މި ދުވަހަކީ 1970 އިން ފެށިގެން ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ.