ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮވިޑް 19 ފެތުރެން ފެށުމާއެކު، އެ ބަލި ޖެހޭ މީހުންނަށް ފަރުވާދީ އެމީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ކުޑަ ކުރުމުގައި ދައުލަތުގެ މުވައްޒަފުންގެ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ކޮވިޑް 19 ހަލުވިކޮށް ފެތުރެމުން ދިއުމުގެ ސަބަބުން ސިޓީތަކާއި އަތޮޅުތަކާއި ރަށްރަށުގައި ކުރަންޖެހޭ މަސައްކަތްތައް އިތުރުވަމުން އަންނަ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. އަދި ޓާސްކް ފޯސްތަކާއި، ކައުންސިލްތަކާއި، ސިޓީތަކާއި ރަށްރަށުގައި ހުރި ސަރުކާރުގެ އޮފީސްތަކުން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި ސިވިލް ސާވިސްގެ މުވައްޒަފުންނާއި، ޖުޑީޝަލް ސާވިސްގެ މުވައްޒަފުންނާއި، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އެހީތެރިކަމަށް ރައީސް އެދިވަޑައިގަންނަވާ ކަމަށެވެ.
މި މުވައްޒަފުންގެ އެހީތެރިކަމަށް ކަމާބެހޭ އިދާރާތަކުން އެދިފައި ވުމުން، މިކަމަށް ދައުލަތުގެ މުވައްޒަފުންގެ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް އެދިވަޑައިގަންނަވާ ކަމަށާއި ގައުމަށް ދިމާވެފައިވާ މި ބޮޑު ކާރިސާއިން އަރައިގަތުމަށްޓަކައި ދައުލަތުގެ ހުރިހާ މުވައްޒަފުންގެ އެއްބާރުލެއްވުން މިވަގުތު ސަރުކާރަށް ބޭނުންވާ ކަމަށް ވެސް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ރައީސް އޮފީހުން ބުނީ މިހާތަނަށްވެސް ކޮވިޑް 19 އާއި ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތްތަކުން ކުރަމުން އަންނަ އެކި މަސައްކަތުގެ އިސް ސަފުގައި ހަރަކާތްތެރިވާ އެއް ބަޔަކީ ދައުލަތުގެ މުވައްޒަފުން ކަމަށް ވެސް ރައީސް ފާހަގަކުރެއްވި ކަމަށެވެ.