އަލީ ޔާމިން
ރާއްޖޭގައި ހިންގާ އަމިއްލަ ކޮލެޖުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ކޮލެޖުކަމުގައިވާ އެވިޑް ކޮލެޖުގެ ދަރިވަރުންގެ ހާލު އެކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދު ބައްލަވާލައްވައިފިއެވެ.
އެވިޑް ކޮލެޖުން ހިންގާ ތަފާތު ކޯސްތަކުގައި، ރާއްޖޭގެ އެކި ހިސާބުތަކުގައި ކިޔަވަމުންގެންދާ ދަރިވަރުންނާ މުސްތާގު ބައްދަލުކުރެއްވީ ދެ ދުވަހަކަށް ބަހާލައިގެން ޒޫމް ކްލައުޑް މެދުވެރިކޮށެވެ.
ދަރިވަރުންނާ ބައްދަލުކުރައްވައި މުސްތާގު ވަނީ ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް 19ގެ ބަލިމަޑުކަމުގެ ސަބަބުން ހުރިހާކަމެއްވެސް ހުއްޓުމަކަށް އައިސްފައިވާ މިދަނޑިވަޅުގައި އެ ކޮލެޖުގެ ދަރިވަރުންނާ ދަރިވަރުންގެ އައިލާތައް ތިބީ ކޮންފަދަ ހާލަތެއްގައިތޯ ބައްލަވާލައްވައިފައެވެ. އަދި ކޮލެޖެއްގެ ހައިސިއްޔަތުން ދަރިވަރުންނަށް މިވަގުތުގައި ކޮށްދެވޭނީ ކޮންކަމެއްތޯއާ، ކޮވިޑް 19ގެ ސަބަބުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ހިސާބުން ފެށިގެން އެ ކޮލެޖުގައި ހިންގަމުންގެންދާ އޮންލައިން ކްލާސްތަކާ ބެހޭގޮތުން ކުދިންގެ ފީޑްބެޑް މުސްތާގު ވަނީ ހޯއްދަވައިފައެވެ.
މީގެ އިތުރުން ޗެއާމަން މުސްތާގު ވަނީ މި ދުވަސްވަރު ކަންކަމަށް މާބޮޑަށް ހާސްނުވުމަށާއި ވަގުތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށާއި އިސްރާފްނުކުރުމަށާއި ލިބޭ އެއްޗަކުން ފުއްދުމަށް މަސައްކަތްކުރުމުގެ އިތުރުން ދީނީކަންކަމަށް ގިނަވަގުތުދީ އިސްކަން ދިނުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެފައެވެ.
ކޯސް ފީ ދެއްކުމުގައި ދަތި އުނދަގޫތަކާ ކުރިމަތިވެފައިވާ ދަރިވަރުންނަށް ދެވެން އޮތް ލުއިކަމެއް ދިނުމަށް އެ ކޮލެޖުން މަސައްކަތްކުރަމުން އަންނަ ކަމަށާއި ފީ ދައްކަންޖެހޭ ދުވަހަށް ފީ ނުދެއްކުނު ކަމުގައިވިޔަސް މިދުވަސްކޮޅު އެއްވެސް ދަރިވަރެއްގެ އަތުން ޖޫރިމަނާގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށްވެސް މުސްތާގު ވިދާޅުވިއެވެ.
އެވިޑް ކޮލެޖަކީ މިހާރުވެސް 2000 އަށްވުރެ ގިނަ ދަރިވަރުން ސެޓްފިކެޓް ލެވެލުން ފެށިގެން ގޮސް މާސްޓާސް ލެވެލަށް ތަފާތު ދާއިރާތަކުން މަތީ ތައުލިމު ހާސިލްކުރަމުންގެންދާ ކޮލެޖެކެވެ. ރާއްޖޭގައި މާސްޓާސް ލެވެލްގެ އެންމެ ގިނަ ކޯސްތައް ހިންގަނީ އެވިޑް ކޮލެޖުގައެވެ.
އެވިޑް ކޮލެޖުން ބުނީ މިފެށޭ ސެމިސްޓާގައި އެ ކޮލެޖުން ހިންގާ ކޯސްތަކުގެ ކިޔެވުން މެއި މަހުގެ ނުވަވަނަ ދުވަހު ފެށުމަށް ހަމަޖައްސާފައިވާ ކަމަށާއި އެކަމުގެ ތައްޔާރީތައްވެ ނިމިފައިވާ ކަމަށެވެ. ނަމަވެސް ކޯހެއްގައި އަލަށް ބައިވެރިވާން ބޭނުންވާ ފަރާތަތަކަށް އެ ފުރުސަތު މިހާރުވެސް އެބައޮތް ކަމަށާއި އެގޮތުން އެ ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވުމަށްޓަކައި އޮންލައިންކޮށް ފޯމު ހުށަހެޅުމަށް ވަނީ އެދިފައެވެ.
ކޯސްތަކުގެ މައުލޫމާތާއި އެހެނިހެން ހިދުމަތްތަކުގެ މައުލޫމާތު ހޯދުމަށް އެވިޑް ކޮލެޖުގެ ހޮޓްލައިން 7803228 އަށް ގުޅުމަށް އެ ކޮލެޖުން އެދެއެވެ.