ކޮވިޑް 19 ރާއްޖޭގައި ފެތުރެމުންދާ މިދަނޑިވަޅުގައި ދިރިއުޅޭ އެޕާޓްމަންޓް ނުވަތަ ގޭގެ ކުލި ދެއްކޭނެ ފަދަ މާލީ ތަނަވަސްކަން ނެތް މީހުން އެ މީހުން ދިރިއުޅޭ ތަނުން ނެރޭނަމަ އެކަން ރިޕޯޓު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން އެދިއްޖެއެވެ.
އެޗްއާރުސީއެމުން އެގޮތަށް އެދިފައިމިވަނީ، ކުލި ނުދެއްކިގެން ގެއިން ނެރެލި ދެ މީހަކަށް ސަރުކާރުން ވަގުތީ ހިޔާވަހިކަންދީ ބަލަހައްޓަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިއަދު ވިދާޅުވެފައިވަނިކޮށެވެ.
އޭގެ އިތުރުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވެސް ވިދާޅުވީ ކުލި ނުދެއްކިގެން ކުއްޔަށް އުޅޭ ތަނުން ނެރޭކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށެވެ.
އެޗްއާރުސީއެމުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ކުލި ދެއްކޭނެ ފަދަ މާލީ ތަނަވަސްކަން ނެތް މީހުންނަށް އެހީތެރިކަންދީ ރައްކާތެރިކަން ކަށަވަރުކުރުމަށް ދައުލަތަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި އެފަދަ މައްސަލަތައް http://www.hrcm.org.mv/Complaint/EmploymentViolation.aspx އަށް ރިޕޯޓްކުރުމަށް ވެސް އެ ކޮމިޝަނުން އެދެއެވެ.