ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރަށްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލި ސިވިލް ސާވަންޓުންގެ ސަސްޕެންޝަނާ ގުޅިގެން އެމީހުންނަށް ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެދި ހައިކޯޓަށް ހުށަހަޅައިފިއެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދެ އިންތިހާބާ ގުޅިގެން މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ސަސްޕެންޑުވެފައިވާ ސިވިލް ސާވަންޓުންނަށް ހައްލެއް ހޯދައިދިނުމަށް ކުރި މަސައްކަތުގެ ތެރެއިން އެ މައްސަލައަށް އެންމެ އަވަސް ހައްލެއް ހޯދޭނެ ގޮތަކީ ކޮބައިތޯ ބެލުމަށްޓަކައި އިލެކްޝަން ކޮމިޝަނާއެކު އިއްޔެ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.
އެގޮތުން އެމަޝްވަރާތަކަށްފަހު އިންތިހާބު ނުބޭއްވި ލަސްވާ ދުވަސްތަކުގައި އެމުވައްޒަފުންނަށް ދިމާވާ ދަތިތަކަށް ގާނޫނުގެ ތެރެއިން އަވަސް ހައްލެ ހޯދުމަށް އެ އެމައްސަލަ މިހާރު ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށް ސީއެސްސީން ބުނެއެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައި އޮތީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ. ނަމަވެސް މާޗް މަހުގެ 12 ވަނަ ދުވަހު ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން މިމަހުގެ 18 ވަނަ ދުވަހަށް އިންތިހާބު ފަސް ކުރަން ނިންމިއެވެ.
ނަމަވެސް އާންމު ކުއްލި ނުރައްކަލުގެ ހާލަތު މިމަހުގެ ނިޔަލަށް ދަމަހައްޓަން ނިންމުމުން ދެ އިންތިހާބު ވެސް އެ މުއްދަތުގައި ބޭއްވެން ނެތް ކަމަށް އިލެކްޝަން ކޮމިޝަނުން މިމަހުގެ 13 ވަނަ ދުވަހު އިއުލާންކުރިއެވެ. އަދި އެ ދެ އިންތިހާބާ ގުޅިގެން އިލެކްޝަނުން ވަކި ގޮތެއް އިއުލާން ކުރާނެ ކަމަށް ބުންޏެވެ.