ޚަބަރު

ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކާއި ފިހާރަތަކުންނާއި ކަސްޓަމަރުން އަމަލުކުރަންޖެހޭ ގޮތް އާންމުކޮށްފި

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19އާ ގުޅިގެން ކޮންމެހެން ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމަށް ގޭބިސީތަކުން ބޭރަށް ނުކުމެ ވިޔަފާރިކުރުމަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކާއި ފިހާރަތަކާއި ކަސްޓަމަރުން އަމަލުކުރަންޖެހޭ ގޮތް އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ ކޮވިޑް 19އާ ގުޅިގެން ގޭބިސީތަކުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާ މުއްދަތުގައި ފުލުހުން ނުވަތަ ކަމާބެހޭ ފަރާތުގެ ހުއްދައެއްގެ ދަށުން ޒަރޫރީ ބޭނުންތަކަށް މުދާ ވިއްކާ ފިހާރަތަކަށް ހިދުމަތް ދިނުމަށް މާދަމާ އިން ފެށިގެން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ހެނދުނު 09:00 އިން ދަންވަރު 00:00 އާ ދެމެދު ކަމަށެވެ. އަދި ކޮންމެ ނަމާދު ވަގުތަކަށް 15 މިނެޓަށް ފިހާރަ ބަންދުކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

އެގޮތުން ހުއްދަ ލިބިގެން ޒަރޫރީ ބޭނުންތަކަށް މުދާ ވިއްކާ ފިހާރަތަކާއި ފިހާރަތަކުން ތަކެތި ގަންނަ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންކަމާއި ރައްކާތެރިވުމުގެ ގޮތުން އަމަލުކުރަންޖެހޭ ގޮތުގެ ތެރެއިން ފިހާރައަކަށް ދިއުމަށް ގެއިން ނުކުތުމުގެ ކުރިން ސަމާލުވާންޖެހޭ ކަންކަމަކީ:

  • (ހ) އޮންލައިންކޮށް ތަކެތި ގަނެވޭނަމަ، އެގޮތް އިހްތިޔާރުކުރުން
  • (ށ) މުދާ ވިއްކާ ފިހާރައަކީ ދުރާލާ ގުޅައިގެން އޯޑަރުދެވޭ އިންތިޒާމް ހަމަޖެހިފައިވާ ފިހާރައެއްނަމަ، ދުރާލާ ގުޅައިގެން އޯޑަރު ދިނުމަށްފަހު ފިހާރައަށް ދިއުން
  • (ނ) ފިހާރަތަކުން މުދާ ގަތުމަށް ހުއްދަ ލިބިފައިވީ ނަމަވެސް، ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ނުނުކުތުމަށް ސަމާލުކަންދިނުން
  • (ރ) ބަލިވެ އުޅޭނަމަ ނުވަތަ ބައްޔެއްގެ އަލާމާތް ހުރި ފަރާތްތަކުން ފިހާރަތަކަށް ނުދިއުން
  • (ބ) އެއްގޮތަކަށް ވެސް ކުޑަކުދިން ފިހާރަތަކަށް ނުގެންދިއުން
  • (ކ) ގެއިން ނުކުތުމުގެ ކުރިން، ގަންނަންޖެހޭ ތަކެތީގެ ލިސްޓެއް ދުރާލާ އެކުލަވާލުން އަދި ފުލުހުން ދޫކޮށްފައިވާ ގްރޯސަރީ ޝޮޕިންގެ ޕާމިޓް ނަންބަރު އެލިސްޓުގެ ކަނާތް ފަރާތު މަތީ އަރިމަތީގައި ލިޔުމަށް ސަމާލުކަންދިނުން
  • (އ) މަގުމައްޗަށް ނުކުމެ އުޅޭއިރު، ހުރިހާ ވަގުތެއްގައި ވެސް މަދުވެގެން އެއް މީޓަރުގެ ގައިދުރުކުރުން ބެހެއްޓުން

ފިހާރައިން ތަކެތި ގަތުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން:

  • (ހ) ފިހާރަ ބޭރުގައި ކިއު ހަދަންޖެހިއްޖެނަމަ، މަދުވެގެން އެއް މީޓަރުގެ ގައިދުރުކުރުން ބެހެއްޓުން
  • (ށ) ތަކެތި ގަތުމުގައި ބާސްކެޓް ނުވަތަ ޓްރޮލީ ބޭނުންކުރާނަމަ، އެތަކެތި ހުރީ ޑިސްއިންފެކްޓް ކޮށްފައިތޯ ކަށަވަރުކުރުން
  • (ނ) ފިހާރައަށް ދާން ނުކުންނަންވާނީ ސައިބޯނި ލައިގެން އޮތްދޮވެގެންނެވެ. އަދި އިހްތިޔާރުކުރަނީ ސެނިޓައިޒްކުރަންނަމަ، އަމިއްލަ ސެނިޓައިޒާ ހިޔާރުކުރުން
  • (ރ) ފިހާރަތެރޭގައި ހުންނަ ތަންތަނުގައި ނުވަތަ ސާފެސްތަކުގައި އަތްނުލުމަށް ސަމާލުކަންދިނުން
  • (ބ) ގަންނަން ބޭނުންވާ މުދަލުގައި އެކަނި އަތްލުމަށް ސަމާލުކަންދިނުން
  • (ޅ) ފިހާރަތެރޭގައި މީހުންނާ މުއާމަލާތްކުރުމަށް މަޑުނުކުރުން
  • (ކ) ފިހާރަތަކުން ގަންނަ މުދަލަށް ފައިސާ ދެއްކުމުގައި އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމްތައް ހިޔާރުކުރުން
  • (އ) ފިހާރައިން ނުކުމެ، ސެނިޓައިޒާ ބޭނުންކޮށްގެން ދެއަތް ތިލަ ސެނިޓައިޒްކުރުން އަދި ސެނިޓައިޒް ކުރުމުގައި އަމިއްލަ ސެނިޓައިޒާ ހިޔާރުކުރުން

ފިހާރަތަކުން ހިދުމަތް ދިނުމުގައި އަދި ކަސްޓަމަރުންނަށް އިންތިޒާމްތައް ހަމަޖެއްސުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން:

  • (ހ) ބަލީގެ އަލާމާތެއް ހުރި އެއްވެސް މުވައްޒަފަކު ވަޒީފާއަށް ނެރެގެންނުވާނެ
  • (ށ) ފިހާރައިގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކު ވެސް ހިދުމަތް ދޭ ގަޑީގައި ހުންނަންވާނީ މާސްކު އަޅައި އަންގިލައްވައިގެންނެވެ. އަދި އަމިއްލަ ސާފުތާހިރު ކަމަށް ސަމާލުކަންދޭންވާނެ
  • (ނ) ފިހާރައަށް ކަސްޓަމަރުން ދިއުމުގެ ކުރިން، ފޯނުން ގުޅައިގެން އޯޑަރު ދެވޭނެ ނިޒާމެއް ގާއިމުކުރެވޭނަމަ، އެ ނިޒާމް ގާއިމުކޮށްގެން ހިދުމަތް ދިނުމަށް އިހްތިޔާރުކުރުން
  • (ރ) ކަސްޓަމަރު އަންނަ ގަޑިއަށް މުދާ ތައްޔާރަށް ބެހެއްޓުމަށް ސަމާލުކަން ދިނުން
  • (ބ) ފިހާރައަށް ހިދުމަތް ހޯދަން އަންނަ ކޮންމެ ކަސްޓަމަރަކީ ފުލުހުން ދޭ ގްރޯސަރީ ޝޮޕިން ޕާމިޓް ލިބިފައިވާ ފަރާތެއްކަން ކަށަވަރުކުރަންވާނެ. އަދި ހިދުމަތް ހޯދާ ކަސްޓަމަރަށް ދޫކޮށްފައިވާ ހުއްދައިގެ ތަފްސީލު ލިޔުމުން ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއްގައި އެފިހާރައަކުން ރެކޯޑްކޮށް، ބަލަހައްޓަންވާނެ
  • (ޅ) ފިހާރަތަކުން ގަންނަ ތަކެއްޗަށް ފައިސާ ދެއްކުމުގައި އޮންލައިން އިންތިޒާމުތައް ހަމަޖެހިފައިވާކަން ކަށަވަރުކުރުން. އަދި އެކައުންޓައް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް (ބޭންކް ޓްރާންސްފާ) ހަމަޖެހިފައިވާނަމަ، އެކައުންޓްގެ ތަފްސީލު ފަސޭހައިން ފެންނާނެހެން ފިހާރަތަކުގައި ޑިސްޕްލޭކޮށްފައި ބެހެއްޓުން
  • (ކ) ނިސްބަތުން ކުދި ފިހާރަ (ކަންމަތީ ފިހާރަ) ތަކުން ހިދުމަތް ދިނުމުގައި ގިނަ ކަސްޓަމަރުން އެއްފަހަރާ ފިހާރައިގެ ތެރެއަށް ވެއްދުމުގެ ބަދަލުގައި މަދުމަދުން ކަސްޓަމަރުން ވެއްދުމަށް އިޚްތިޔާރުކުރުުން. އަދި މިގޮތުން އިހްތިޔާރުކުރުމުގައި އެއްފަހަރާ އެކުގައި ވަދެއުޅޭ ކަސްޓަމަރުންނަށް މަދުވެގެން އެއް މީޓަރުގެ ގައިދުރުކުރުން ބެހެއްޓޭނެ ފަދަޔަކުން ކަސްޓަމަރުން ވެއްދުމަށް އިންތިޒާމްތައް ހަމަޖައްސަންވާނެ
  • (އ) ނިސްބަތުން ބޮޑެތި ފިހާރަތަކުން ހިދުމަތް ދިނުމުގައި ގިނަ ކަސްޓަމަރުން އެއްފަހަރާ ފިހާރައިގެ ތެރެއަށް ވެއްދުމުގެ ބަދަލުގައި މަދުމަދުން ކަސްޓަމަރުން ވެއްދުމަށް އިހްތިޔާރުކުރުން. އަދި މިގޮތުން އިހްތިޔާރުކުރުމުގައި އެއްފަހަރާ އެކުގައި ވަދެއުޅޭ ކަސްޓަމަރުންނަށް މަދުވެގެން އެއް މީޓަރުގެ ގައިދުރުކުރުން ބެހެއްޓޭނެ ފަދަޔަކުން ކަސްޓަމަރުން ވެއްދުމަށް އިންތިޒާމްތައް ހަމަޖައްސަންވާނެ.
  • (ވ) ކޮންމެ ދުވަހެއްގެ ވެސް ވިޔަފާރި ވަގުތު ނިމުމުން، ފިހާރައިގެ ތަޅުންގަނޑާއި ކަސްޓަމަރުންގެ އަތްޖެހޭ ސާފަސްތައް ރަނގަޅަށް ޑިޓޯލް ނުވަތަ ސައިބޯނި ފެނުން ޑިސްއިންފެކްޓް ކުރަންވާނެ.

ފިހާރަތަކުން ތަކެތި ގަތުމަށްފަހު ކަންކަން ކުރަންޖެހޭ ގޮތް:

  • (ހ) ތަކެތި ގަތުމަށްފަހު ލަސްނުކޮށް ފިހާރައިން ނުކުމެގެން ގެއަށްދިއުން. އަދި ގެއަށްދާ މަގުމަތީގައި ތަންތަނުގައި އަތްނުލައި މަދުވެގެން އެއް މީޓަރުގެ ގައިދުރުކަން ބަހައްޓަން ސަމާލުކަންދިނުން
  • (ށ) ތަކެތި ގަނެދިނީ ކަމާބެހޭ ފަރާތުން ދޫކޮށްފައިވާ ހުއްދައިގައި ހިމެނޭ ސަރަޙައްދުގައިވާ އެހެން ގޭބިސީއަކަށްނަމަ، އެތަކެތި ގެންގޮސް ހަވާލުކުރުމުގައި، އެމީހެއް ދިރިއުޅޭ ތަނެއްގެ ދޮރު ކައިރީ ގެންގޮސް ތަކެތި ބެހެއްޓުން؛
  • (ނ) ފިހާރައިން ގެނައި ކޮތަޅުން ތަކެތި ނެގުމަށްފަހު، ކޮތަޅު ޑަސްބިނަށްލުމަށް ސަމާލުކަންދިނުން
  • (ރ) ސައިބޯނި ލައިގެން އަތް ދޮންނަށް ހާއްސަ ސަމާލުކަމެއް ދިނުން އަދި ސާފުތާހިރުވުން
  • (ބ) ފިހާރައިން ގަތް ތަކެތީގެ ބޭރު ރަނގަޅަށް ސާފުކުރުމަށްފަހު ފްރިޖްގަޔާއި އެހެނިހެން ތަންތަނުގައި ބެހެއްޓުމަށް ސަމާލުކަންދިނުން