ގއ. ކަނޑުހުޅުދޫގައި މިއަދު އެކްސްކަވޭޓަރަކުން ޖެހި މީހަކު މަރުޖެއެވެ.
''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ކަނޑުހުޅުދޫ ކައުންސިލުގެ ރައީސް އަހުމަދު ޝަހީމް ވިދާޅުވީ އެކްސްކަވޭޓަރުން ޖެހި މަރުވީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 35 އަހަރުގެ ރާޖު ކަމަށެވެ.
ޝަހީމު ވިދާޅުވީ އެހާދިސާ ހިނގީ މިއަދު ހެނދުނު 8:45 އެހާކަށްހާއިރު ކަމަށާއި، ރާޖު މަރުވީ އެރަށު ސިއްހީ މަރުކަޒުގައި ފަރަުވާ ދެމުންދަނިކޮށް މިއަދު 9:30ގައި ކަމަށެވެ.
އޭނާ ވިދާޅުވީ ރާޖުއަކީ އެރަށުގައި ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީގެ މުވައްޒަފެއް ކަމަށެވެ. އަދި އެކަން ހިނގާފައިވަނީ މަސައްކަތް ކުރާ ސައިޓުގައި ކަމަށް ޝަހީމު ވިދާޅުވިއެވެ.
އެރަށު ސިއްހީ މަރުކަޒުގެ ޑޮކްޓަރުންނާ ހަވާލާ ދެއްވައި ޝަހީމު ވިދާޅުވީ ރާޖުގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށެވެ.