ދުނިޔޭގެ ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ބަލައި، ކޮންމެ އަހަރަކު އެއް ފަހަރު ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ނެރޭ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ރިޕޯޓުގައި ރާއްޖެ 19 ދަރަޖަ ކުރިއަށް ޖެހިލައިފިއެވެ.
ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް ރޭންކިންގައި 180 ގައުމެއް ހިމެނެއެވެ. 2018ގައި ރާއްޖެ 120 ވަނައިގައި އޮތް ނަމަވެސް، މިދިޔަ އަހަރު ރާއްޖެ ވަނީ 22 ދަރަޖައިގެ ކުރިއެރުމެއް ހޯދައި 98 ވަނައަށް ޖެހިލައިފައެވެ.
މިއަހަރު ރާއްޖެ އޮތީ 79 ވަނައިގައެވެ. ރޭންކިންގެ އެއްވަނައިގައި ނޯވޭ އޮތް އިރު، ދެވަނައިގައި އޮތީ ފިންލެންޑެވެ. އަދި ރޭންކިންގެ ތިންވަނައިގައި އޮތީ ޑެންމާކެވެ.
ދެކުނު އޭޝިއާގެ ގައުމުތަކަށް ބަލާ އިރު، އެންމެ ކުރީގައި އޮތީ ބޫޓާނެވެ. ބޫޓާން އޮތީ ރޭންކިންގެ 67 ވަނައިގައެވެ. ބޫޓާނަށްފަހު ރޭންކިންގައި ދެން އޮތީ ރާއްޖެއެވެ. ނޭޕާލް 112 ވަނައިގައި އޮތް އިރު، ސްރީލަންކާ އޮތީ 127 ވަނައިގައެވެ. އިންޑިއާ އޮތީ 142 ވަނައިގައެވެ. ޕާކިސްތާނު 145 ވަނައިގައި އޮތް އިރު، ބަންގުލަދޭޝް އޮތީ 151 ވަނައިގައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހެދި ބައެއް ގާނޫނުތަކުގެ ސަބަބުން އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ދިޔައީ ފަހަތަށް ވެއްޓެމުންނެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު މަޖިލީހުގެ ތެރެއިން އެ ގާނޫނުތައް ވަނީ އުވާލައިފައެވެ.