ރިޔާސީ އިންތިހާބުގެ ތެރޭގައި އަދި އިންތިހާބުގެ ވަގުތީ ނަތީޖާއަށް ފަހު ވެސް ގައުމުގެ އަމަން އަމާންކަން ބެލެހެއްޓުމުގައި ދިވެހި ސިފައިން ދަނީ ވަރަށް ޕްރޮފެޝަނަލް ކަމާއެކު ހަރަކާތްތެރިވަމުން ކަމަށާއި ވެރިކަން ބަދަލުވުމުގެ މަރުހަލާ ވެސް އޮމާންކަމާއެކު ގެންދިއުމަށް ސިފައިން އެހީތެރިވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ އޭނާގެ ފޭސްބުކް ޕޯސްޓެއް މެދުވެރިކޮށް ދިން މެސެޖަކުންނެވެ. ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމެއްގައި ދިވެހި ސިފައިން ރައްޔިތުންނާއެކު ތިބޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މިނިސްޓަރު އާދަމް ޝަރީފްގެ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ފަހު ވެރިކަން ބަދަލުވުން ވެސް އޮމާން ކަމާއެކު ކުރިއަށް ގެންދިއުމުގައި ވެސް ސިފައިން އެހީތެރިވާނެ ކަމަށެވެ.
"ރިޔާސީ އިންތިހާބުގެ ތެރޭގައި ވެސް އަދި އިންތިހާބުގެ ވަގުތީ ނަތީޖާގެ ފަހުން ވެސް ގައުމުގެ އަމަން އަމާންކަން ބެލެހެއްޓުމުގައި ދިވެހި ސިފައިން ދަނީ ވަރަށް ޕްރޮފެޝަނަލް ކަމާއެކު ހަރަކާތްތެރިވަމުން. ރިޔާސީ އިންތިހާބުގެ ނަތީޖާއަށްފަހު ޓްރާންސިޝަން އޮމާން ކަމާއެކު ކުރިއަށް ގެންދިއުމުގައި ވެސް ސިފައިން އެހީތެރިވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމެއްގައި ދިވެހި ސިފައިން، ރައްޔިތުންނާއެކު ތިބޭނެ ކަމަށާއި ގާނޫނީ ގޮތުން އުފެދޭ ސަރުކާރެއް ދެމެހެއްޓުމަކީ ސިފައިންގެ ގާނޫނީ ޒިންމާއެއް ކަމަށެވެ. އަދި އެގޮތަށް އަމަލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ އާދީއްތަ ދުވަހު ބޭއްވި އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދިވެހި ސިފައިންނާއި ފުލުހުން ވެސް ވަނީ ދީފައެވެ.