ދ. ކުޑަހުވަދޫ އާއި ކ. ތުލުސްދޫ އަދި ބ. ފުޅަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފިކަމަށް ކޮވިޑް 19އާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތުދިނުމަށް ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މަބްރޫކު ވިދާޅުވީ މިހާތަނަށް 190 ބިލްޑިންގް އަދި އިމާރާތް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 40 ގެއަކީ މިއަދު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ތަންތަން ކަމަށެވެ.
މީގެ އިތުރުން އަލަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ފަސް ރަށެއް ކަމަށް މަބުރޫކު ވިދާޅުވިއެވެ. އެއީ ދެ ރިސޯޓުގެ އިތުރުން ކުޑަހުވަދޫ، ތުލުސްދޫ އަދި ފުޅަދޫ އެވެ. މޮނީޓަރިންގެ ހާލަތަށް ގެނެވުނު ރިސޯޓު ތަކަކީ، ތުޅާގިރި އައިލެންޑް ރިސޯޓު އަދި ކުޑަ ވިލިނގިއްޔެވެ.
މުޖުތަމައު ތެރެއަށް ކޮވިޑް 19 ފެތުރުމާ ގުޅިގެން މިދިޔަ ބުދަ ދުވަހު މާލެ ލޮކްޑައުން ކުރުމަށްފަހު އެ މުއްދަތު މިހާރު 14 ދުވަހަށް އިތުރުކޮށްފައިވާ އިރު، މިހާރު ވަނީ މުޅި ރާއްޖެ ވެސް ލޮކްޑައުންކޮށްފައެވެ. އަދި އަތޮޅު ތެރެއިންވެސް މިހާރު ކޮވިޑް 19 ފެނިފައިވުމުން، އެކި ރަށްރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.