ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައްޔިތުންގެ އުންމީދާއި މަސްލަޙަތު، އެންމެބޮޑަށް ގުޅިފައިވަނީ ސިފައިންނާކަން ހަނދާންބެހެއްޓުމަށް ރައީސް އެދިވަޑައިގެންފި

އިބްރާހިމް ޒަކީ

ދިވެހި ސިފައިންގެ 128 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރާއިރު، ދިވެހި ރައްޔިތުންގެ އުންމީދާއި މަސްލަހަތު، އެބަޔަކާ އެންމެ ބޮޑަށް ގުޅިފައިވާ މީހުންނަކީ ސިފައިންކަން، ސިފައިންގެ ކޮންމެ މިހެއްގެ ހަނދާނުގައިވެސް ހަރުލާފައި ހުންނަން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިވެހި ސިފައިންގެ ހިދުމަތަށް 128 ފުރުން ފާހަގަ ކުރުމުގެ މުނާސަބަތުގައި މިއަދު ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ، ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ފަހުރާއި ޝަރަފަކީ، ގައުމާއި ރައްޔިތުން ދިފާއުކުރުމަށް، ސިފައިންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ސާބިތުކަމާއި ވަރުގަދަ އަޒުމް ކަން ދިވެހި ސިފައިންގެ ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށެވެ.

"ދިވެހި ސިފައިންގެ ދުވަސް ފާހަގަކުރާއިރު، ސިފައިންގެ ކޮންމެ މީހެއްގެ ހަނދާނުގައި ތާއަބަދު ހަރުލާފައި ހުންނަން ޖެހޭނެ ކަމަކީ، ތިޔަ ސިފައިންނަކީ، ދިވެހި ރައްޔިތުންގެ އުންމީދާއި މަސްލަހަތު، އެބަޔަކާ އެންމެ ބޮޑަށް ގުޅިފައިވާ މީހުންކަން. ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ފަހުރާއި ޝަރަފަކީ، ގައުމާއި ރައްޔިތުން ދިފާއުކުރުމަށް، ތިޔަ ސިފައިންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ސާބިތުކަމާއި ވަރުގަދަ އަޒުމްކަން.،" ރައީސް ވިދާޅުވިއެވެ.

ނުރައްކާތެރިކަމާއެކު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާގުޅިގެން ސިފައިން ކުރަމުންގެންދާ މުހިއްމު މަސައްކަތްތައް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، "ދިވެހި ސިފައިން އަމަލާއި ބަހުން ސާބިތުކޮށްދެމުން އެ އަންނަނީ، ސިފައިން މިއަހަރަށް ކަނޑައަޅާފައިވާ، "ސިފައިންގެ ހިތްވަރު – ގައުމުގެ ސަލާމަތް" މި ޝިއާރުގެ ތެދުކަން" ކަމަށެވެ.

މިކަމުން އެނގިގެން މިދަނީ، ސިފައިންނަކީ އެމީހުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްވުރެ، ރައްޔިތުންގެ ސަލާމަތަށް އިސްކަންދޭ ބައެއްކަން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ކޮވިޑް 19 އިން ދިވެހިރާއްޖެ ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގައި ދިވެހި ސިފައިންގެ ސަފުތަކުން ފެންނަނީ ބަދަހިކަމާއި، ހަރުދަނާކަމާއި، ގާބިލުކަމާއި، ގައުމަށް ހިދުމަތްކުރުމުގައި އެއްވެސް ވަރުބަލިކަމެއްނެތި، ސާބިތުވެ ތިބޭކަން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ

މި ނާޒުކު ދަނޑިވަޅުގައި، "ސިފައިންގެ އާއިލާތަކުން ދެއްވާ އެއްބާރުލުމާއި، ގެންގުޅުއްވާ ކެތްތެރިކަން، އަޅުގަނޑު ފާހަގަކުރަނީ އުފަލާއި ޝުކުރުވެރިކަމާއެކުގައި،" ކަމަށްވެސް ރައީސް ވިދާޅުވިއެވެ.