އަލީ ޔާމިން
ގޭގައި ތިބެގެން ކޮވިޑް 19 ކޯލް ސެންޓަރަށް މަސައްކަތްކޮށްދޭނެ ވޮލެންޓިއަރުން ހޯދުމަށް ހުޅުވާލައިފިއެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ، ގޭގައި ތިބެގެން ކޮވިޑް 19ގެ ކޯލް ސެންޓަރަށް މަސައްކަތް ކޮށްދޭނެ ވޮލެންޓިއަރުން ބޭނުންވާ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ މީހުން އެކަމަށް ހާއްސަ ކުރެވިފައިވާ ވޮލެންޓަރީ ފޯމު ފުރިހަމަ ކުރުމަށް އެދޭ ކަމަށް ވިދާޅުވިއެވެ. ކޮވިޑް 19ގެ ވޮލެންޓަރީ ފޯމު ހެލްތު ޕްރޮޓެންޝަން އެޖެންސީ (އެޗްޕީއޭ)ގެ ވެބްސައިޓުންނާއި ހެލްތު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
މީގެ އިތުރުން މިނިސްޓަރު މަހުލޫފު ވިދާޅުވީ، ކޯލް ސެންޓަރުގައި މަސައްކަތް ކުރާ ވޮލެންޓިއަރަކަށް ވެވޭނީ މިހާރުވެސް ސަރުކާރު އޮފީހެއްގައި ނުވަތަ ސަރުކާރުގެ ހިއްސާވާ ކުންފުންޏެއްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެކަނި ކަމަށެވެ.
މާލޭގައި ކޮވިޑް 19 ފެތުރެން ފެށުމުން ކޮވިޑް 19ގެ ކޯލް ސެންޓަރަށް ވަނީ ބާރު ބޮޑުވެފައެވެ. އެކަން ހައްލު ކުރުމަށް ކޯލް ސެންޓަރުގެ ކެޕޭސިޓީ އިތުރު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެއެވެ. ސަރުކާރުގެ އަމާޒަކީ ކޯލް ސެންޓަރުން ކޯލްތަކަށް ޖަވާބުދޭ މިންވަރު 100 އިންސައްތައިގައި ބެހެއްޓުމެވެ. ނަމަވެސް މިހާރު އެ އަދަދު އުޅެނީ 95 އިންސައްތަ ނުވަތަ އެއަށްވުރެވެސް ދަށުގައެވެ.