އިބްރާހިމް ޒަކީ
ދިވެހި ސިފައިންގެ އާއިލާތަކުން މި ހާލަތުގައި ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައިފި އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސިފައިންގެ 128ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދާދި ދެންމެ ދެއްވި ޚިތާބުގައެވެ.
ރައީސް ވިދާޅުވީ، ދިވެހި އަސްކަރިއްޔާއަކީ ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ދިފާއީ އައްޑަނަ ކަމަށެވެ.
ދިވެހި އަސްކަރިއްޔާގެ އަޒުމަކީ، ސިފައިންގެ އެންމެ ފަހު މީހާގެ، އެންމެ ފަހު ނޭވާއާ ޖެހެންދެންވެސް، ގައުމުގެ ހައްގުގައި ގުރްބާންވުން ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިއަހަރުގެ ސިފައިންގެ ދުވަސް އަޅުގަނޑުމެން މިފާހަގަކުރަނީ، ހަމައެފަދަ ވަރުގަދަ އަޒުމެއްގައި، ގައުމީ ވަރަށް މުހިންމު މަސައްކަތެއްގައި، ދިވެހި ސިފައިން ހިދުމަތް ކުރަމުން އަންނަ ދުވަސްވަރެއްގައި ކަމަށެވެ.
"އާދެ، މުޅި ދުނިޔެއަށް ފެތުރި، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިހާރު ފެތުރެމުންދާ ކޮވިޑް 19ގެ ނުރައްކަލުން، ދިވެހި ގައުމު ރައްކާތެރިކުރުމަށް މިކުރާ ގައުމީ މަސައްކަތުގައި، ދިވެހި ސިފައިން އަދާކުރަމުން އެ އަންނަނީ ވަރަށް މުހިންމު ދައުރެއް. މި ނުރައްކާތެރި މަސައްކަތުގެ ކުރީ ސަފަށް، ދިވެހި ސިފައިން ނުކުމެ އެތިބީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ވަރުގަދަ އަޒުމުގައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދިވެހި ސިފައިން އަމަލާއި ބަހުން ސާބިތުކޮށްދެމުން އެ އަންނަނީ، ސިފައިން މިއަހަރަށް ކަނޑައަޅާފައިވާ، "ސިފައިންގެ ހިތްވަރު – ގައުމުގެ ސަލާމަތް" މި ޝިއަރުގެ ތެދުކަން ކަމަށެވެ.
މިކަމުން އެނގިގެން މިދަނީ، ސިފައިންނަކީ އެމީހުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްވުރެ، ރައްޔިތުންގެ ސަލާމަތަށް އިސްކަންދޭ ބައެއްކަންކަމުގައިވެސް ވިދާޅުވިއެވެ.
"ކޮވިޑް 19 އިން ދިވެހިރާއްޖެ ރައްކާތެރިކުރުމަށް މިކުރާ މަސައްކަތުގައިވެސް ދިވެހި ސިފައިންގެ ސަފުތަކުން ފެންނަނީ ބަދަހިކަމާއި، ހަރުދަނާކަމާއި، ގާބިލުކަމާއި، ގައުމަށް ހިދުމަތްކުރުމުގައި އެއްވެސް ވަރުބަލިކަމެއްނެތި، ސާބިތުވެ ތިބޭކަން. އަދި މި ނާޒުކު ދަނޑިވަޅުގައި، ސިފައިންގެ ޢާއިލާތަކުން ދެއްވާ އެއްބާރުލުމާއި، ގެންގުޅުއްވާ ކެތްތެރިކަން، އަޅުގަނޑު ފާހަގަކުރަނީ އުފަލާއި ޝުކުރުވެރިކަމާއެކުގައި،" ރައީސް ވިދާޅުވިއެވެ.