ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފެންނަމުން މިދަނީ ދިވެހި ސިފައިން އަމިއްލަ ސަލާމަތަށްވުރެ ރައްޔިތުންގެ ރައްކާތެރިކަމަށް އިސްކަން ދޭތަން: ރައީސް

އިބްރާހިމް ޒަކީ

ފެންނަމުން މިދަނީ ދިވެހި ސިފައިން އަމިއްލަ ސަލާމަތަށްވުރެ ރައްޔިތުންގެ ރައްކާތެރިކަމަށް އިސްކަން ދޭތަން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސިފައިންގެ 128ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ހިތޯބުގަގައެވެ.

ރައީސް ސޯލިހު ވިދާޅުވީ، މުޅި ދުނިޔެއަށް ފެތުރި، ރާއްޖޭގައިވެސް މިހާރު ފެތުރެމުންދާ ކޮވިޑް 19ގެ ނުރައްކަލުން، ދިވެހި ގައުމު ރައްކާތެރިކުރުމަށް ކުރާ ގައުމީ މަސައްކަތުގައި، ދިވެހި ސިފައިން އަދާކުރަމުން އެ އަންނަނީ ވަރަށް މުހިންމު ދައުރެއް ކަމަށެވެ.

އެނުރައްކާތެރި މަސައްކަތުގެ ކުރީ ސަފަށް، ދިވެހި ސިފައިން ނުކުމެ އެތިބީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ވަރުގަދަ އަޒުމުގައި ކަމަށްވެސް ވިދާޅުވިއެވެ.

"އާދެ، ދިވެހި ސިފައިން އަމަލާއި ބަހުން ސާބިތުކޮށްދެމުން އެ އަންނަނީ، ސިފައިން މިއަހަރަށް ކަނޑައަޅާފައިވާ، "ސިފައިންގެ ހިތްވަރު – ގައުމުގެ ސަލާމަތް" މި ޝިއާރުގެ ތެދުކަން. މިކަމުން އަޅުގަނޑުމެންނަށް އެނގިގެން މިދަނީ، ސިފައިންނަކީ އެމީހުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްވުރެ، ރައްޔިތުންގެ ސަލާމަތަށް އިސްކަންދޭ ބައެއްކަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކޮވިޑް 19 އިން ދިވެހިރާއްޖެ ރައްކާތެރިކުރުމަށް މިކުރާ މަސައްކަތުގައިވެސް ދިވެހި ސިފައިންގެ ސަފުތަކުން ފެންނަނީ ބަދަހިކަމާއި، ހަރުދަނާކަމާއި، ގާބިލުކަމާއި، ގައުމަށް ހިދުމަތްކުރުމުގައި އެއްވެސް ވަރުބަލިކަމެއްނެތި، ސާބިތުވެ ތިބޭކަން ކަމަށެވެ. އަދި މި ނާޒުކު ދަނޑިވަޅުގައި، "ސިފައިންގެ އާއިލާތަކުން ދެއްވާ އެއްބާރުލުމާއި، ގެންގުޅުއްވާ ކެތްތެރިކަން، އަޅުގަނޑު ފާހަގަކުރަނީ އުފަލާއި ޝުކުރުވެރިކަމާއެކުގައި،" ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ ހަޔާތުން ފާއިތުވެގެން މިދިޔަ އަހަރަކީވެސް، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމުގައި، އަގުނުކުރެވޭހާ މުހިންމު މަސައްކަތްތަކެއް، ދިވެހި ސިފައިން ކޮށްފައިވާ އަހަރެއް ކަމަށެވެ.

"ހާއްސަ ގޮތެއްގައި، މިދިޔަ އަހަރުގެ އަލްހާ އީދު ބަންދު ތެރޭގައި ރާއްޖެއަށް ކުރި ވިއްސާރަ އާއި، ހދ. ނޮޅިވަރަންފަރު ލޯންޗު ބަންޑުން ޖަހާލި ހާދިސާ އާއި، މާލޭގެ އަބަދަށްފެހި މަގުގައި ހުރި ގެތަކެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އާއި، މާލޭގެ ހުޅަނގު ދެކުނު ބަނދަރުގައި ތެޔޮ ބައުޒަރުތަކެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކޮށްދިނުމަށް، ދިވެހި ސިފައިން ކޮށްދިން މަސައްކަތް ފާހަގަކޮށް، އެކަންކަމުގައި އެކި ފެންވަރުގައި އެކި ގޮތްގޮތުން ބައިވެރިވި ސިފައިންނަށް، އަޅުގަނޑުގެ ހިތުގެ އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.