ޚަބަރު

ރަށްރަށުގައި އެއްވެ އުޅުން ހުއްޓުވުމުގެ ބާރު ކައުންސިލްތަކަށް ދީފި

ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރަށްރަށުގައި އެއްވެ އުޅުން ހުއްޓުވުމުގެ ބާރު ކައުންސިލްތަކަށް ދީފިއެވެ.

ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއްގައި ފިޔަވައި ދަތުރުފަތުރުކުރުން ވަނީ ހުއްޓުވައިފައެވެ. އަދި މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅީފަޅު، ތިލަފުށިން ރާއްޖޭގެ އެއްވެސް ރަށަކަށް ދަތުރުކޮށްފައިވާ މީހެއްވާނަމަ 14 ދުވަހުގެ މުއްދަތަށް ގޭގައި އެކަހެރިވުމަށް ވެސް ވަނީ އަންގައިފައެވެ.

އެހެންކަމުން މާލެ، ހުޅުމާލެ، ވިލިމާލެ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކާއި ސިޓީތަކުގައި އެ އެންގުންތައް ތަންފީޒުކުރުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކު ހެލްތު ވަކި ގޮތަކަށް އަންގަންދެން، ލޯކަލް ކައުންސިލްތަކުން ފިޔަވަޅުތަކެއް އެޅުމަށް ރޭ ވަނީ އަންގައިފައެވެ.

އެގޮތުން ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުތަކުގަިއ ކޮވިޑް 19 ފެތުރުމުގެ ފުރުސަތު އޮތް މިންވަރާއި ހާލަތަށް ރިއާޔަތްކޮށް، އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފުނުވާނެ ގޮތުގެ މަތިން ލޯކަލް ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުތަކުގައި އެއްވެ އުޅުން ހުއްޓުވުމަށާއި އިޖުތިމާއި ގައިދުރުކަން ގާއިމުކުުރުމަށް ފިޔަވަޅުތައް އެޅުމަށް އަންގާފައިވެއެވެ.

އޭގެ އިތުރުން ކަރަންޓީން ނުވަތަ އެކަހެރި ކުރުމަށް އެޗްޕީއޭ އިން ކަނޑައަޅާ މީހުންގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުތަކުގައިވާ މީހުންނަށް ކަރަންޓީނު ނުވަތަ އެކަހެރި ކުރުމަށް އަންގާ ލިޔުންތަކާއި އެކަމުން ދޫކޮށްލިކަން އަންގާ ލިޔުން ދޫކުރާނީ ކައުންސިލްތަކުން ކަމަށް ވެސް އެޗްޕީއޭގެ އެންގުމުގައިވެއެވެ.