ޚަބަރު

ދިވެހި ދަރިވަރުން ގޮވައިގެން އައި ބަންގްލަދޭޝްގެ އަސްކަރީ ބޯޓު އެގައުމުގެ 68 ރައްޔިތުން ގޮވައިގެން ފުރައިފި

މަރިޔަމް ޝަހުދާ

ނޭޕާލާއި ބަންގްލަދޭޝުން ދިވެހި ދަރިވަރުން ގޮވައިގެން އައި ބަންގްލަދޭޝްގެ އަސްކަރީ ބޯޓު 68 ބަންގްލަދޭޝް ރައްޔިތުންނާއެކު ރާއްޖެއިން ފުރައިފި އެވެ.

ބަންގްލަދޭޝްގެ އަސްކަރީ ބޯޓުގައި މި މީހުން އަނބުރާ ގައުމަށް ދިއުމަށް ފުރާފައިވަނީ މިއަދު ހެނދުނުއެވެ. އެގޮތުން މި 68 މީހުންނަކީވެސް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުން ދިޔަ ބިދޭސީން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިއީ ރާއްޖޭގައި ގަވައިދާ ހިލާފަށް ދިރިއުޅެމުން އަންނަ މީހުން އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް ފޮރިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރި ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ކުރިއަށް އޮތްތާގައިވެސް މިފަދަ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ބަންގުލަދޭޝްގެ ވެރިރަށް ޑާކާއިން ފުރައިގެން އިއްޔެ ރާއްޖެއަށް އައި އެގައުމުގެ އަސްކަރީ މަތިންދާބޯޓުގައި 71 ދިވެހިން އައިސްފައި ވެއެވެ. އެއީ ނޭޕާލުން އައި 18 ދިވެހިންނާއި ބަންގުލަދޭޝްގެ އެކި ސިޓީތަކުން އައި 53 ދިވެހިންނެވެ. މިއީ ކޮވިޑް 19ގެ ސަބަބުން އެކި ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެ ނާދެވި ތިބި ދިވެހިންނެވެ.