ވޯލްޑް ހެލްތް އޯގަނައިޒޭޝަން

ރޯދަމަހު ވެސް އިޖުތިމާއީ އަދި ދީނީ އެއްވުންތައް ކެންސަލްކުރަން ޑަބްލިޔުއެޗްއޯއިން އިލްތިމާސްކޮށްފި

ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ގޮތުން ކުރިއަށް އޮތް ރޯދަމަހުވެސް މުސްލިމުން ބާއްވާ އިޖުތިމާއީ އަދި ދީނީ އެއްވުންތައް ކެންސަލް ކުރުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ބުނެފިއެވެ.

ކޮވިޑާ ގުޅިގެން ކުރިއަށް އޮތް ރަމަޟާން މަހު އަޅަންވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފާހަގަކޮށް އެ ޖަމިއްޔާއިން ނެރުނު ގައިޑްލައިނެއްގައި ވަނީ ރޯދަމަހު ގިނަ މީހުން އެއްވެގެން ބާއްވާ އެއްވުންތައް ފަސްކުރުމަށް ނުވަތަ ކެންސަލް ކުރުމަށް ނުވަތަ އެ އެއްވުމެއް ކުރިއަށް ގެންދާނަމަ ވައިރަސް ފެތުރުމުގެ ނުރައްކާ އޮތް މިންވަރު ބެލުމަށް އެދޭ ކަމަށެވެ.

އޭގެ އިތުރުން އިޖުތިމާއީ އަދި ދީނީ އެއްވުންތައް ކެންސަލް ކުރާނަމަ އެނޫން ގޮތަކަށް، މިސާލަކަށް ޓީވީ، ރޭޑިއޯ، ޑިޖިޓަލް ނުވަތަ ސޯޝަލް މީޑިއާ މެދުވެރިކޮށް އެފަދަ ކަންކަން ކުރިއަށް ގެންދިއުމަށް ވެސް އެދިފައި ވެއެވެ. އަދި ރޯދަމަހާ ގުޅިގެން ގައުމީ ސިއްހީ އިދާރާތަކުން ކަންކަން ނިންމާއިރު ދީނީ އިލްމުވެރިންނާއި ލީޑަރުންގެ ބައިވެރިކޮށްގެން ކަންކަން ނިންމުމަށް ވެސް ޑަބްލިޔުއެޗްއޯގެ ގައިޑްލައިންގައި ވެއެވެ.

އެ ޖަމިއްޔާއިްނ ބުނީ، ކޮވިޑާ ގުޅުވައިގެން ރޯދަމަހު އަޅާ ފިޔަވަޅުތައް އަޅާން ނިންމި ސަބަބުތައް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ރަނގަޅު މުވާސަލާތީ ނިޒާމެއް މުހިންމު ކަމަށެވެ. އަދި އަޅާ ފިޔަވަޅުތަކާ ގުޅިގެން އަމަލުކުރަން ޖެހޭ ގޮތާއި ގައުމީ ސިއްހީ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރުމުގެ މުހިންމުކަން ކިޔައިދޭންވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ހައި ރިސްކު ގުރޫޕްގެ މީހުންނަށް ގައިޑްލައިންގައި ބުނެފައިވަނީ، ބަލިވެ ނޫނީ ކޮވިޑް 19 ގެ އަލާމާތްތައް ހުންނަ މީހުން އެއްވުންތަކަށް ނުދިއުމަށާއި ގައުމީ ސިއްހީ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކަށް އަމަލު ކުރުމަށް އެދޭ ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި ހިތުގެ ބަލި، ޑައިބެޓިކްސް، ކެންސަރު ނުވަތަ ނޭވާލާ ނިޒާމުގެ ބަލިތައް ޖެހިފައިވާ ހުންނަ މީހުން އެއްވުންތަކަށް ނުދިއުމަށް ވެސް އެދިފައިވެއެވެ.

ޑަބްލިޔުއެޗްއޯގެ ގައިޑްލައިންގައި ރޯދަމަހު އެއްވުންތައް ބާއްވާއިރު އަމަލުކުރަންވީ ގައިޑްލައިންތަކެއް ވެސް ފާހަގަކޮށްފައި ވެއެވެ.

އެގޮތުން އެފަދަ އެއްވުންތައް ހުޅުވިފައި ހުންނަ ތަނެއްގައި ބޭއްވުމަށާއި އަދި ތަނެއްގެ ތެރޭގައި އެއްވުމެއް ބާއްވާއިރު ވެސް ވައި ދައުރުވާނެ ފަދަ ގޮތަކަށް ހުންނަ ތަނެއްގައި އެއްވުން ބޭއްވުމަށް އެދިފައިވެއެވެ. އެފަދަ އެއްވުންތަކުގެ ވަގުތު ކުރުކޮށް، ވީހާވެސް މަދު މީހުންނާއެކު އެއްވުން ބޭއްވުމަށް އިސްކަންދޭން ވެސް ގައިޑްލައިންގައި ވެއެވެ.

އޭގެ އިތުުރުން އެއްވުންތަކުގައި ވެސް ގައިދުރު ކުރުމަށް ސަމާލުކަން ދިނުމަށާއި އެއްވުމުގައި ބައިވެރިވި މީހަކު ބަލިވެއްޖެ ނަމަ ވަގުތުން ކޮންޓެކްޓް ޓްރޭސިން ހެދޭނެ ގޮތްތަކެއް ހެދުމަށް އެޖަމިއްޔާއިން އަންގާފައި ވެއެވެ.

މިއަހަރުގެ ރޯދަމަސް އެހެން ރޯދަމަސްތަކާ ތަފާތުވި ނަމަވެސް، އަޅުކަމާއި އަޅައިލުމާއި މީހުންނަށް އެހީވުމުގައި ދެމިތިބެ، އާއިލާ އާއި އެކުވެރިންނާއި މުސްކުޅިންގެ ހާލުބަލައި، ބަލިމީހުންގެ ހާލު ބަލައި އެމީހުންނަށް އުންމީދު އާކޮށްދިނުމަށް ޑަބްލިޔުއެޗްއޯގެ ގައިޑްލައިންގައި އެދިފައި ވެއެވެ.

ހަމަ އެހެންމެ ގެއިން ބޭރަށް ނުކުތުން މަދުކޮށްފައިވާ މިދަނޑިވަޅުގައި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އިތުރުވުން އެކަށީގެންވާތީ، ދީނީ އިލްމުވެރިން އަނިޔާއާ ދެކޮޅަށް އަޑު އުފުލައި، އަނިޔާ ލިބޭ މީހުންނަށް އެހީވުމަށް ޑަބްލިޔުއެޗްއޯއިން ގޮވާލައިފައި ވެއެވެ.