ޚަބަރު

ދަނޑުތަކަށް ބޭސްޖަހަނީ ގެއްލުންދެނިވި ސޫފާސޫފި މެރުމަށްކަން ކަށަވަރުކުރުމަށް އިލްތިމާސްކޮށްފި

އައިދާ އަބްދުލް ހަކީމް

ދެމެހެއްޓެނިވިގޮތެއްގައި ދަނޑުވެރިކަން ކުރުމަށްޓަކައި ގަސްތަކަށް ބޭސް ޖަހާއިރު ބޭސް އެޖަހަނީ ގަސްތަކަށް ގެއްލުންދޭ ސޫފާސޫފި މެރުމަށްކަން ކަށަވަރުކުރުމަށް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އެ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ ދަނޑުތަކުގައި ގެއްލުންދޭ ސޫފާސޫތްޕާއި ގަސްތަކަށް ގެއްލުންދޭ ސޫފާސޫތްޕަށް ހަމަލަދޭ އަދި ވެށީގައި މުހިންމު ދައުރެއް އަދާކުރާ ފައިދާހުރި ސޫފިތައް ދަނޑުތަކުގައި އުޅޭ ކަމަށެވެ. އެހެންކަމުން ދަނޑުތަކަށް ބޭސް ދިނުމުގެ ކުރިން މިކަންކަން ކަށަވަރު ކުރުމަށް އެގްރިކަލްޗާ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ އިން ކުރި ޓްވީޓް

ދުނިޔޭގައި ކޮވިޑް 19 ފެތުރުމާ ގުޅިގެން އިގުތިސާދީ ހީނަރުކަން އައިސްފައިވާ މިދަނޑިވަޅުގައި ސަރުކާރުން ވަނީ ދިވެހި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމަށް އިލްތިމާސްކޮށްފައެވެ.

އެގޮތުން ފަލަމަޑީގެ ބާވަތްތައް އުފެއްދުމަށް ހާއްސަ އިސްކަމެއް ދިނުން މުހިންމު ކަމަށް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ބައެއް ރަށްރަށަކީ ދަނޑުވެރިކަމުން ލިބޭ އާމްދަނީން ދިރިއުޅުމުގެ ކަންކަން ހަމަޖައްސާ ރަށްތަކެވެ. ރާއްޖޭގައި އާންމުކޮށް ހައްދާ ބާވަތްތަކުގެ ތެރޭގައި މޭވާ އާއި ތަރުކާރީ އަދި ފަލަމަޑީގެ ބާވަތްތައް ހިނެއެވެ.