ލައިފް ސްޓައިލް

ސްކިން ކެއާ: އޮރެންޖު ތޮށި އަދި ސައިފަތުން ހަމަށްދެވިދާނެ ފަރުވާ

މިވަގުތު ގޭގައި ލޮކްޑައުން ވެގެން ތިބެންޖެހިފައިވާއިރު ބޭނުންވާ ތަކެތިވެސް ލިބުން ވަނީ ދަތިވެފައެވެ. ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ކޮވިޑްގެ ވަބާ ދުނިޔެއަށް ކުރިމަތިވެފައިވާ އިރު، އޭގެ ސަބަބުން ރަނގަޅު އާދަތަކެއްވެސް ދަސްވަމުން އަންނަ ކަމެވެ. އޭގެ ތެރާގައި އިގްތިސޯދު ކުރުމާއި ފަހަށް ރައްކާކުރުމާއި ބޭކާރު ހަރަދު ކުރުން ހުއްޓައިލުން ހިމެނެއެވެ.

ދިރިއުޅުމުގެ އާދަކާދައަށް އަންނަމުން މިދާ ބަދަލުގައިވެސް އަމިއްލަ ނަފްސަށް ދޭ އަހައްމިއްޔަތުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެއެވެ. މިހާލަތަކީ ނަފްސާނީ ގޮތުންވެސް މީހާއަށް އަސަރު ކުރާނެ ހާލަތެކެވެ. އެކަމުން ރައްކާތެރިވުމަށްވެސް މަސައްކަތްތަކެއް ކުރަންޖެހޭ ހާލަތެކެވެ. އަމިއްލަ ނަފުސަށް ހިތްހަމަޖެހުން ލިބިދޭ ކަންކަން ކުރުމަކީ މުހިންމު ކަމެކެވެ. ހަމަ އެއާއެކު ގޭގައި ހުއްޓަސް ޒީނަތްތެރިވުމަށާއި ރީތި ވެލައިގެން ހުރުމަށް މަސައްކަތް ކުރާށެވެ. އޭރުން މާޔޫސްކަން ކުޑަވެ، މީހާ ފްރެޝް ވެސް ވާނެއެވެ.

ބޭނުންހާ އެއްޗެއް ފަސޭހައިން ނުލިބޭ ވަގުތެއްކަމުން އަދި ސެލޫނަށްވެސް ނުދެވޭ ވަގުތެއް ކަމުން އާންމުކޮށް ބޭނުން ކުރާ ދެ އެއްޗެއް ކަމަށްވާ އޮރެންޖު އަދި ސައިފަތް ޕެކެޓުން ހަމަށް ފަރުވާ ހޯދިދާނެގޮތްތަކެއް މި އާޓިކަލުގައި ހިމަނާލާނަމެވެ.

އޮރެންޖު ތޮށި

އޮރެންޖު ތޮއްޓަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން ސީ އަދި ސިޓްރަސް ހިމެނޭ އެއްޗެއްކަމުން އެ މޫނުގައި ހޭކުމުން މޫނުގައި ހުންނަ ލައްތައް ފިލުމަށް އެހީވެދެއެވެ.

އެހެން ގޮތަކަށް ބޭނުން ކުރާނަމަ އަވީގައި ހިކެންދެން އޮރެންޖު ތޮށި ބެހެއްޓުމަށްފަހު ހިމުންވަންދެން މިކްސްޗަރަކުން ފުނޑާލުމަށްފަހު ފޭސްޕެކެއްހެން ބޭނުން ކޮށްލެވިދާނެއެވެ.

ސައިފަތް ޕެކެޓް (ގްރީން ޓީ)

ސައިހެދުމަށްފަހު ޓީބޭގު ކޮތަޅު ތެރެއަށް ލުމަށްފަހު ފްރިޖުގައި ބަހައްޓާލެވިދާނެއެވެ. ބޮޑަށް ރަނގަޅީ ގްރީން ޓީ ބޭނުން ކުރުމުންނެވެ.

ސައިފަތް ޕެކެޓު ފިނި ވުމުން ލޯކައިރި ކަޅުވެފައި ހުންނަ ދިމާ އަދި ވަޅުވަދެފައި ހުންނަ ނަމަ އެތަންތަނަށް ފަރުވާއެއްގެ ގޮތުގައި ބޭނުންކޮށްލެވިދާނެއެވެ. މިގޮތަށް ސައިފަތްޕެކެޓަކުން ދެތިން ފަހަރު ފްރިޖުގައި ބެހެއްޓުމަށްފަހު ބޭނުން ކުރެވިދާނެއެވެ.