ޚަބަރު

ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް ދަމަހައްޓަން ސިފައިން ކުރާ ބުރަ މަސައްކަތަށް ރައީސް ޝުކުރު ދަންނަވައިފި

އައިދާ އަބްދުލް ހަކީމް

ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަން ދަމަހައްޓައި ރައްޔިތުން ރައްކާތެރި ކުރުމަށް ދިވެހި ސިފައިން ކުރައްވާ ބުރަ މަސައްކަތަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޝުކުރު ދަންނަވައިފި އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ދިވެހި ސިފައިން މިއަދު ފާހަގަ ކުރަމުން އަންނަ 128 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ ކުރެއްވި މެސެޖެއްގަ އެވެ.

"ސިފައިންގެ 128 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާއާއި މުބާރިކްބާދީ ހުރިހާ ސިފައިންނަށް އަރިސްކުރަން. ދިވެހިރާއްޖޭގެ އިސްތިޤުލާލާއި މިނިވަންކަން ދަމަހައްޓައި ރައްޔިތުންގެ ރައްކާތެރިކަމަށް ތިޔަ ކޮށްދެއްވާ އަގުހުރި މަސައްކަތަށް އިހްލާސްތެރި ޝުކުރު ދަންނަވަން." ރައީސް ސޯލިހް ވިދާޅުވިއެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް 19 ރާއްޖޭގައި ވެސް ހަލުވިކަމާއި އެކު ފެތުރެމުންދާތީ މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވުމާއި ގުޅިގެން ރައްޔިތުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމުގައި ދިވެހި ސިފައިން އަންނަނީ ހަރަކާތްތެރި ވަމުންނެވެ. އެގޮތުން ގޭގެއަށް ބޭނުންވާ ސާމާނު ޑެލިވަރީ ކުރުމުގައި ވެސް ސިފައިން އަންނަނީ ހަރަކާތްތެރި ވަމުންނެވެ. މީގެ އިތުރުން މި ހާލަތުން އަރައިގަތުމަށް ކުރަމުން އަންނަ ހުރިހާ ކަމެއްގައި ވެސް ސިފައިން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.