ހޮނިހިރު ދުވަހު ކެނެޑާގެ ނޯވާ ސްކޯޝިއާގައި މީހަކު ބަޑިން ހަމަލާދީ އާންމުންގެ ގިނަ ބަޔަކު މަރާލުމާއި ގުޅިގެން އެގައުމުގެ ފޮރިން މިނިސްޓަރު ފްރަންސްވާ-ފިލިޕް ޝެމްޕޭންއަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަމްދަރުދީގެ މެސެޖެއް ފޮނުވައިފި އެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި މެސެޖުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަހަމް ވި ހަބަރު އެމަނިކުފާނު އަޑައެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމައާ އެކު ކަމަށެވެ.
މީގެ އިތުރުން ކެނެޑާއަށް ދިމާވެފައިވާ މި ހިތާމަވެރި ވަގުތުގައި ދިވެހި ރައްޔިތުންނާއި، ރާއްޖޭގެ ސަރުކާރާއި މިނިސްޓަރުގެ އަމިއްލަ ނަންފުޅުގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވި ކަމަށް ފޮރިން މިނިސްޓަރީން މައުލޫމާތު ދެއެވެ، އަދި ޒަހަމްވި މީހުންނަށް އަވަށް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް މިނިސްޓަރުގެ މެސެޖުގައި ވިދާޅުވިކަމަށް ވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
މިހަމަލާއަކީ ފަހުގެ ތާރީހެއްގައި ކެނެޑާގައި ދިން މިފަދަ އެންމެ ނުރައްކާތެރި ހަމަލާއެވެ. މި ހަމަލާގައި 18 މީހަކު ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ރޯޔަލް ކެނޭޑިއަން މައުންޓެޑް ޕޮލިސްގެ އަންހެން އޮފިސަރަކު ވެސް ހިމެނޭ ކަމަށް ކެނެޑާގެ ނޫސްތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
ހޮނިހިރު ދުވަހު ދޭން ފެށި މި ހަމަލާތައް ވަނީ 12 ގަޑިއިރަށް ދެމިގެން ގޮސްފައެވެ. މި ހަމަލާ ދީފައިވަނީ ފުލުހުންގެ ޔުނިފޯމެއް ލައިގެން ހުރި މީހަކު ނޯވާ ސްކޯޝިއާގެ އެކި ސަރަހައްދުތަކުގައި ކާރުގައި ދަތުރުކޮށްފައި ކަމަށާއި، އެމީހާ ވަނީ ބައެއް ގެތަކުގައި ރޯވެސް ކޮށްލާފައި ކަމަށް ކެނެޑާގެ ނޫސްތަކުގައި ބުނެފައި ވެއެވެ. މި މީހާ މަރުވެފައިވަނީ ކެނެޑާގެ ސިފައިންނާ ދެމެދު ހިންގި ކުރިމަތިލުމެއްގައެވެ.