އިބްރާހިމް ޒަކީ
ކޮވިޑް 19 ގެ ނުރައްކަލުން ރައްޔިތުން ސަލާމަތް ކުރުމަށް ވެވެން އޮތް ހުރިހާ ގުރުބާނީއެއް ދިވެހި ސިފައިން ވާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
ޗީފް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދިވެހި ސިފައިްނގެ 128 ވަނަ އަހރު ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައެވެ.
ކޮވިޑް 19 އާ ރާއްޖެވެސް ކުރިމަތިލާފައިވާ ކަމަށާއި އެކަމުގައި ސިފައިން ވަމުން އަންނަނީ ވަރަށްބޮޑެތި ގުރުބާނީތަކެއްކަން ފާހަގަ ކުރައްވައި ޝަމާލް ވިދާޅުވީ، އެންމެ ފަހު މީހާއާ ހަމައަށްވެސް ސިފައިން އަންނާނީ މަސައްކަތަކުރަމުން ކަމަށެވެ.
މީގެ އިތުރުން އަމިއްލަ އާއިލާއާ ބައްދަލުނުގެ އެތައް ހަފުތާތަކެއްވަންދެން އާއިލާއަށް ނުފެނި ރައްޔިތުންނަށްޓަކައި ރެއާއިދުވާލު މަސައްކަތް ކުރަމުން އަންނަ ސިފައިންގެ މަސައްކަތްތައް ފާހަގަ ކުރައްވައި އެފަރާތްތަކާއި އާއިލާތަކަށް ޝަމާލް ވަނީ ޝުކުރު އަދާކުރައްވައި މަރުހަބާ ވިދާޅުވެފައެވެ. އަދި ކޮވިޑް 19 ގެ އެންމެ ރިސްކީ މަސައްކަތައްތަކުން ފެށިގެން އެކަމާބެހޭ އެކި ދާއިރާތަކުގައި ސިފައިން ކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވައި އެފަރާތްތަކަށް ޝަމާލް ޝުކުރުއަދާކުރެއްވި އެވެ.
ޗީފް ވިދާޅުވީ، ވޭތުވެދިޔަ އަހަރަކީ ސިފައިންނަށް ފަހުރުވެރި ކާމިޔާބީތަކެއް ލިބުނު އަހަރެއް ކަމަށެވެ.
އޭގެ ތެރޭގައި އާއިސްތިރާޖީ އަމާޒެއްގެ އަލީގައި ސިފައިންގެ މުޅި އޮޕަރޭޝަނަލް ސްޓްރަކްޗާއަށް ބޮޑު ބަދަލެއް ގެނެެސްފައިވާކަން ފާހަގަ ކުރެއްވިއެވެ.
ދިފާއި ބާރުގައި ހިމެނޭ އެންމެންގެ ވެލްފެއާގެ ކަންތައްތައް އިތުރަށް ހަރުދަނާ ކުރުމާއި އުސޫލުތަކާ ސިސްޓަމްތައް ވަރުގަދަ ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާ ކަންވެސް ފާހަގަ ކުރެއްވިއެެވެ.
ހާއްސަކޮށް ރައްޔިތުންނާއި ސިފައިންނާ އޮންނަ ގާތްގުޅުން އިތުރަށް ވަރުގަދަކުރުމަށް ވަރަށްގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކައިގައި، ސިފައިންގެ ކޮމާންޑާ އިންޗީފް ސިފައިންގެ ވެރިޔާ އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯިހު، ސިފައިންގެ ކުރިއެރުމަށް ކުރައްވާ މަސައްކަތްތަައް ފާހަގަ ކުރައްވައި އަދި ސިފައިންގެ މަސައްކަތްތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށްޓައި ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން ސިފައިންގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ޑިފެންސް މިނިސްޓަރު ކުރައްވާ މަސައްކަތްތަކާއި، ސިފައިންގެ އޮފިސަރުން ދޭ އެއްބާރުުން ފާހަގަ ކުރައްވައި އެފަރާތްތަކަށްވެސް ޝަމާލް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.