ޚަބަރު

ބީއެޗްއެމްގެ މުވައްޒަފަކު ޕޮޒިޓިވްވުމާ ގުޅިގެން ހިދުމަތްތައް މެދުކަނޑާލައި، ހުރިހާ މުވައްޒަފުން ހޯމް އައިސޮލޭޝަނަށް

ބީއެޗްއެމް ޓްރޭޑާސްގެ މުވައްޒަފަކު ކޮވިޑް 19އަށް ޕޮޒިޓިވްވުމާ ގުޅިގެން ބީއެޗްއެމްގެ ހުރިހާ ހިދުމަތެއް މެދުކަނޑާލަން ނިންމައިފިއެވެ.

ބީއެޗްއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮވިޑް 19އަށް މުވައްޒަފަކު ޕޮޒިޓިވްވެފައިވާކަން ކަމާބެހޭ ފަރާތްތަކުން އަންގާފައިވާތީ މިއަދުން ފެށިގެން ބީއެޗްއެމްގެ ހުރިހާ ހިދުމަތެއް މެދުކަނޑާލާފައިވާ ކަމަށާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މަސައްކަތްތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް ހުރިހާ މުވައްޒަފުން ތިބީ ހޯމް އައިސޮލޭޝަންގައި ކަމަށެވެ.

"އަޅުގަނޑުމެންގެ މުވައްޒަފަކު ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވާ ކަމަށް މިއަދު ހެނދުނުގެ ވަގުތެއްގައި ކަމާބެހޭ ފަރާތްތަކުން އަންގަވާފައިވާތީ މިއަދުން ފެށިގެން އަޅުގަނޑުމެންގެ ހުރިހާ ހިދުމަތެއް މެދުކަނޑާލުމަށްފަހު އެޗްޕީއޭއަށް ފުރިހަމައަށް އެއްބާރުލުންދީ މިކަމުގެ ފުރިހަމަ ޓެސްޓުތަކާއި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަގުފަހިކުރުމުގެ ގޮތުން ހުރިހާ މުވައްޒަފުން ތިބީ ގޭގައި މަޑުކޮށްގެންނެވެ..،" ބީއެޗްއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ބީއެޗްއެމުން ބުނީ މުވައްޒަފުންނާއި ކަސްޓަމަރުން އަދި ރައްޔިތުންގެ ސަލާމަތަށްޓަކައި ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުންދިނުމުގެ ގޮތުން ފިހާރަތައް ބަންދުކުރުމުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށާއި ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބުނުހާ އަވަހަކަށް ހިދުމަތް އަލުން ފެށުމަށް ތައްޔާރަށް ތިބި ކަމަށެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި މާލެއިން އެކަނި 17 މީހަކު ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދިހަ ދިވެއްސަކާއި އިންޑިއާގެ ހަތަރު މީހަކު އަދި ބަންގުލަދޭޝްގެ ތިން މީހެކެވެ.

ރާއްޖެއިން މިހާތަނަށް ޖުމުލަ 69 މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 49 މީހުންނަކީ މާލެ ތެރެއިން ފެނިފައިވާ ކޭސްތަކެކެވެ. އަދި މާލެއިން ހއ. އުލިގަމަށް ދަތުރު ކުރި މީހެއްވެސް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ.