ޚަބަރު

ހުއްދަ ނެތި މަގުމަތީގައި އުޅުނު 68 މީހަކު ޖޫރިމަނާކޮށް، ތިން މީހަކު ހައްޔަރުކޮށްފި

ކޮވިޑް 19 އާ ގުޅިގެން މާލެ ލޮކްޑައުންކޮށްފައި ވަނިކޮށް ހުއްދަ ނެތި މިއަދު މާލެ މަގުމަތީގައި އުޅުނު 68 މީހަކު ޖޫރިމަނާކޮށް، ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިރޭ 8:00އާ ހަމައަށް އެންގުމާ ހިލާފަށް މަގުމަތީގައި އުޅުނު 68 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

މާލެ ލޮކްޑައުންވުމާ ގުޅިގެން އާންމުންނަށް ތަކެތި ޑެލިވަރީ ކުރުމަށް، މިއަދު 215 ހުއްދަ ސްޓިކާ ދޫކޮށްފައިވާ ކަމަށާއި އަދި މިރޭގެ 8:00އާ ހަމައަށް މުޅި ޖުމުލަ 3،687 ހުއްދަ ސްޓިކާ ދޫކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ ޒަރޫރީ ކަންކަމެއްގައި ބޭރަށް ނުކުންނަން ކޮންމެހެން ޖެހިއްޖެނަމަ ފުލުހުން އަންގާފައިވާ ގޮތަށް ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދިއުމަށް އެދިފައެވެ. އަދި އެގޮތަށް އަމަލު ނުކުރާ މީހުން ޖޫރިމަނާކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފައެވެ. މިގޮތަށް ޖޫރިމަނާ ކުރާ މީހުން ޖޫރިމަނާ ކުރާނީ 1،000 ރުފިޔާ އިން ކަމަށް ފުލުހުން ބުނެއެވެ.

މާލެއިން އިއްޔެ ވެސް 78 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. މިދިޔަ ހޮނިހިރު ދުވަހު 90 އަށްވުރެ ގިނަ މީހުން ފުލުހުން ހިފަހައްޓާފައިވާ އިރު، މިދިޔަ ހުކުރު ދުވަހު ވަނީ 70 އަށްވުރެ ގިނަ މީހުން ހުއްޓުވައިފައެވެ.

ރާއްޖެއިން މިހާތަނަށް ޖުމުލަ 67 މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރެއިން 47 މީހުންނަކީ މާލެ ތެރެއިން ފެނިފައިވާ ކޭސްތަކެކެވެ. މިއަދު އެކަނިވެސް މާލެއިން ވަނީ 15 މީހަކު ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މާލެއިން ހއ. އުލިގަމަށް ދަތުރު ކުރި މީހެއްވެސް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ.

މުޖުތަމައު ތެރެއަށް ކޮވިޑް 19 ފެތުރުމާ ގުޅިގެން މިދިޔަ ބުދަ ދުވަހު މާލެ ލޮކްޑައުން ކުރުމަށްފަހު އެ މުއްދަތު މިހާރު 14 ދުވަހަށް އިތުރުކޮށްފައިވާ އިރު، މިހާރު ވަނީ މުޅި ރާއްޖެ ވެސް ލޮކްޑައުންކޮށްފައެވެ.