ޚަބަރު

ޑީކޮމްޕްރެޝަން ޗެމްބާސް އޮޕަރޭޓް ނުކުރާ ދަނޑިވަޅެއްގައި ޑައިވިނަށް ދިއުމަކީ ކުރުން ގޯސް ކަމެއް: އަޝްރަފް

މަރިޔަމް ޝަހުދާ

ޑީކޮމްޕްރެޝަން ޗެމްބާސް އޮޕަރޭޓް ނުކުރާ ދަނޑިވަޅެއްގައި ޑައިވިނަށް ދިއުމަކީ ކުރުން ގޯސް ކަމެއް ކަމަށާއި، އެކަން އެގޮތަށް ނުކުރުމަށް ޑައިވިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އާދަމް އަޝްރަފް ވިދާޅުވިއެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އަޝްރަފް ވިދާޅުވީ ކޮވިޑް 19 އާއި ގުޅިގެން މިހާރު ރާއްޖޭގައި ހުރި ހުރިހާ ޑީކޮމްޕްރެޝަން ޗެމްބަރުތައް އޮޕަރޭޓު ކުރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި މި ފަދަ ހާލަތެއްގައި ޑައިވިނަށް ދިއުމަކީ ކުރުން ރައްކާތެރިކަމެއް ނޫން ކަމަށް އަޝްރަފް ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ ޑައިވިނަށް ގޮސް އުޅޭ މީހަކު ޑީކޯވެގެން ހޮސްޕިޓަލަކުން ދެވޭނެ ފާރުވާއެއް ނޯންނާނެ ކަމަށެވެ. އަދި މިހާރު ޑީކޮމްޕްރެޝަން ޗެމްބާސް އޮޕަރޭޓް ނުކުރާ އިރު، ފަރުވާ ދެވޭނެ ގޮތެއްވެސް ނޯންނާނެ ކަމަށެވެ.

މުޅި ރާއްޖެ ކޮވިޑް 19ގެ ސަބަބުން ލޮކްޑައުންއަށް ގެނެސް، އެލާޓަށް އައިސްފައިވާ ހާލަތެއްގައި ޑައިވިނަށް ގޮސް، ޑައިވިނަށްދާ މީހާ ގެއްލި ކަމެއް ވެއްޖެ ހިނދެއްގައި ބޭނުން ކުރަން ޖެހޭނީ އެމްއެންޑީއެފްގެ ރިސޯސަސްތައް ކަމަށް އަޝްރަފް ވިދާޅުވިއެވެ.

ޑައިވިނަށް ދާ ހުރިހާ އެންމެނަށް މިވަގުތު ރައްކާތެރިކަމާއެކު ގޭގައި ތިބުމަށް އަޝްރަފް އިލްތިމާސްކުރެއްވި އެވެ.

މީގެ ކުރިންވެސް ޑައިވިންގް އެސޯސިއޭޝަނުން ވަނީ ޑައިވިންގް އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހުން މި ދުވަސްވަރު ޑައިވިނަށް ނުދިއުމަށް އިލްތިމާސްކޮށްފައި ކަމަށް އަޝްރަފް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ޑީކޮމްޕްރެޝަން ޗެމްބާސް ހުރި ތިން ރިސޯޓުވެސް ވަނީ ލޮކްޑައުންގައި ކަމަށް އެ އެސޯސިއޭޝަނުން އާންމު ކޮށްފައިވާނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ. ޑީކޮމްޕްރެޝަން ޗެމްބާސް ހުންނަނީ ބަނޑޮސް، ކުރަމަތި އަދި ކުރެއްދޫ ރިސޯޓުގައެވެ.