ޚަބަރު

ވަކި ދުވަސްތަކެއްގައި ބާޒާރު ލިލީ އާއި މާފަންނު އިހުސާން ފިހާރައަށް ދިޔަ މީހުން ހޯދަނީ

ވަކި ދުވަސްތަކެއްގައި ބާޒާރު ލިލީ އާއި މާފަންނު އިހުސާން ފިހާރައަށް ދިޔަ މީހުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ރިޕޯޓުކުރުމަށް އެދިއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މިމަހުގެ 13، 14 އަދި 15ގައި ބާޒާރު ލިލީއަށް ދިޔަ މީހުން އެކަން ރިޕޯޓުކުރުމަށް އެދޭ ކަމަށެވެ.

"ކޭސް 55، މި ކޭސްއާ ގުޅިގެން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަހުރި މީނާއަކީ ފިހާރައިގައި މަސައްކަތްކުރި މީހަކަށްވާތީ، މީނާއާ ބައްދަލުވެފައި ތިބި އިތުރު މީހުން ތިބެދާނެ ކަމަށް މީނާގެ ކޮންޓެކްޓް ޓްރޭސިން ޕީރިއަޑުގެ ތެރޭގައި. އެގޮތުން 13 ވަނަ ދުވަހާއި 14 ވަނަ ދުވަހު ހެނދުނު 8:00 އިން ހަވީރު 6:00އަށް އަދި 15 ވަނަ ދުވަހު ހެނދުނު 8:00 އިން ހަވީރު 4:00އަށް ބާޒާރު ލިލީއަށް ވަޑައިގެންނެވި ބޭފުޅުން އަޅުގަނޑުމެންނާ ކޮންޓެކްޓްކުރެވުމަށް އަޅުގަނޑު އެދެން،" އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ އިހުސާން ފިހާރައިގައި މަސައްކަތްކުރާ ދެ މުވައްޒަފަކު ކޮވިޑް 19އަށް ޕޮޒިޓިވްވުމާ ގުޅިގެން މިމަހުގެ 15، 16 އަދި 17ގައި މާފަންނު އިހުސާން ފިހާރައަށް ދިޔަ މީހުން ވެސް ރިޕޯޓުކުރުމަށް އެދޭ ކަމަށެވެ.

އަޅުގަނޑުމެން ދަންނަވާލިން 59 އަދި 60 ވަނަ ކޭސް މިއީ އިހުސާން ފިހާރައާ ގުޅިފައިވާ ކޭސް ކަމަށް. މި ކޭސްތަކާ ގުޅިގެން އަޅުގަނޑުމެން އިތުރަށް ހޯދި މައުލޫމާތުން އެނގެނީ މި މީހާ މަސައްކަތްކުރަނީ ޑެލިވަރީގައި. އަދި މާފަންނު އިހުސާން ފިހާރައިގައި ވެސް މި މީހާ މަސައްކަތްކޮށްފައިވޭ. އެހެންކަމުން 15، 16 އަދި 17 ވަނަ ދުވަހު މާފަންނު އިހުސާން ފިހާރައަށް ވަޑައިގެންނެވި ފަރާތްތަކުން އަޅުގަނޑުމެންނާ ކޮންޓެކްޓް ކުރެއްވުމަށް އަޅުގަނޑުމެން ދަންނަވަން.