އަލީ ޔާމިން
ކޮވިޑް 19އާ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަނެ ވިޔަފާރިތައް ހިފެހެއްޓުމުގެ ގޮތުން ސަރުކާރުން ބީއެމްއެލް އާއި އެސްޑީއެފްސީ މެދުވެރިކޮށް ވިޔަފާރިތަކަށް ދޫކުރާ ލޯނުތައް ލިބުން ލަސްވަމުންދާތީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އޭޓީއޭ)ގެ ރައީސް ޔޫސުފު ރިފްއަތު ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަަތް ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި މާލީ ގޮތުން ހުރި ގޮންޖެހުންތަކުގެ ސަބަބުން އެ ދާއިރާގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުން ނޯ ޕޭ އަށް ފޮނުވާލަން ކުންފުނިތަކަށް މަޖުބޫރުވެފައިވާ ކަމަށެވެ.
"އަޅުގަނޑު ވަރަށް ހިތާމަ ކުރަން ގިނަ ކުންފުނިތަކުން މުވައްޒަފުން ނޯޕޭއަށް ފޮނުވާލައި އެ މުވައްޒަފުން ނިކަމެތިކޮށްލާތީ. އެއީ އެގޮތަށް ކުރެވިގެންވާނެ ކަމެއް ނޫން. ވިޔަފާރިތަަކަށް ސަރުކާރުން އެހީވާން އެބަޖެހޭ،" ރިފްއަތު ވިދާޅުވިއެވެ.
ރިފްއަތު ވިދާޅުވީ، ރިލީފް ޕެކޭޖުގެ ދަށުން ލޯނު ލިބުމުގެ އުސޫލުތައްވެސް އޮތީ ކަންބޮޑުވާ ފަދަ ގޮތަކަށް ކަމަށެވެ. އެގޮތުން ކޮންމެ ވިޔަފާރިއަކީ ބޮޑު އާމްދަނީއެއް ލިބޭނެ ވިޔަފާރިއެއް ނޫން ކަމަށާއި އެހެންކަމުން ލޯނަށް އެދުމުގެ ފުރުސަތު ހަމަހަމަ އުސޫލުގެ ދަށުން މި ހާލަތުގައި އަސަރުކޮށްފައިވާ ކޮންމެ ކުންފުންޏަކަށްވެސް އޮންނަން ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރިފްއަތު ވިދާޅުވީ، ގިނަ ކުންފުނިތަކުން ލޯނުތަކަށް އެޕްލައިކޮށްފައިވާ ކަމަށާއި ނަމަވެސް މިއަދާ ހަމައަށްވެސް ލޯނު ލިބޭނެ ތާރީހެއް ލޯނު ދޫކުރި ފަރާތުން އަންގާފައި ނުވާ ކަމަށެވެ.
"އެންމެ ފަހުން ލިބުނު އަޕްޑޭޓަކީ ފިނޭންސް މިިނިސްޓްރީއާއެކު މަޝްވަރާ ކުރެވެމުން އަންނަ ކަމަށް. އިތުރު ތަފްސީލެއް އަޅުގަނޑުމެންނަށް އަދި ލިބިފައެއް ނުވޭ،" ރިފްއަތު ވިދާޅުވިއެވެ.
ރިފްއަތު ވިދާޅުވީ، ލޯނުތައް ލިބުން ލަސްވާނަމަ އެތަކެއް ކުންފުންޏެއް ބަނގުރޫޓުވެ، އެތައް މުވައްޒަފުންނެއް ބިކަވެގެންދާނެ ކަމަށެވެ.
ކޮވިޑް 19ގެ ސަބަބުން ވިޔަފާރިތަކަށް ވަމުން އަންނަ ގެއްލުން ކުޑަކުރުމަށް ސަރުކާރު ވަނީ 2.5 ބިލިއަން ރުފިޔާގެ އިގުތިސާދީ އެހީތެރިކަމުގެ ޕެކޭޖެއް އެކުލަވާލައިފައެވެ.