ނޭޕާލް އަދި ބަންގުލަދޭޝްގައި ތިބި ދިވެހިން، ބަންގުލަދޭޝްގެ އަސްކަރިއްޔާގެ އެހީތެރިކަމާއެކު މިއަދު ރާއްޖެ އައިސްފިއެވެ.
ބަންގުލަދޭޝްގެ ވެރިރަށް ޑާކާއިން ފުރައިގެން ރާއްޖެއަށް އައި އެގައުމުގެ އަސްކަރީ މަތިންދާބޯޓުގައި 71 ދިވެހިން އައިސްފައިވެއެވެ. އެއީ ނޭޕާލުން އައި 18 ދިވެހިންނާއި ބަންގުލަދޭޝްގެ އެކި ސިޓީތަކުން އައި 53 ދިވެހިންނެވެ. މީގެ ތެރޭގައި ތިބީ ސްޕެޝަލައިޒްވުމަށް ގޮސް ތިބި މެޑިކަލް ޑޮކްޓަރުންނާއި، މެޑިސިން ކިޔަވަމުން އަންނަ ދަރިވަރުންނެވެ. އެ ދަރިވަރުން ރާއްޖެއަށް ނާދެވި ތާށިވެފައި ތިބީ ކޮވިޑް 19އާ ގުޅިގެން އެގައުމުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެ އަންނާނެ އިތުރު މަގެއް ނެތުމާ ގުޅިގެންނެވެ.
މިއަދު އައި ފްލައިޓްގައި ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ބަންގުލަދޭޝްގެ ދިހަ މީހުންގެ މައްޗަށް އެކުލެވޭ މެޑިކަލް ޓީމެއް ވަނީ ރާއްޖެއަށް އައިސްފައެވެ. ކޮވިޑް 19 ރާއްޖޭގައި ފެނި، ސިއްހީދާއިރާއިން ރާއްޖެއަށް ބޭނުންވެފައިވާ މިދަނޑިވަޅުގައި ބަންގުލަދޭޝް ސަރުކާރުން ރާއްޖެއަށް ދެއްވި ދީލަތި އެހީތެރިކަން ދިވެހި ސަރުކާރުގެ ފަރާތުން ވަނީ ޝުކުރު ދަންނަވައިފައެވެ.
މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓެއްގައި ބަންގުލަދޭޝްގެ ފޮރިން މިނިސްޓަރު އޭކޭ އަބްދުލް މޫމިން އާއި އެގައުމުގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް އަޒީޒް އަހުމަދަށް ވަނީ ޝުކުރު ދަންނަވައިފައެވެ.
އެ ފުލައިޓު އަނބުރާ ބަންގުލަދޭޝަށް ފުރާނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބަންގްލަދޭޝްގެ 70 މީހަކު ގޮވައިގެންނެވެ.