ޚަބަރު

އިހުސާން ފިހާރައިގެ ދެ މުވައްޒަފަކު ޕޮޒިޓިވްވުމުން މިނިސްޓަރު މަހުލޫފް ހޯމް އައިސޮލޭޝަނުގައި

އައިދާ އަބްދުލް ހަކީމް

މިހާރު ފެތުރެމުންދާ ކޮވިޑް 19 އަށް އިހުސާން ފިހާރައިގެ ޑެލިވަރީ ކުރުމުގައި އުޅުނު އެ ފިހާރައިގެ ދެ މުވައްޒަފަކު ޕޮޒިޓިވްވުމާ ގުޅިގެން އެ މަސައްކަތުގައި ވޮލަންޓިއަރެއްގެ ގޮތުގައި އުޅުއްވި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ހޯމަ އައިސޮލޭޝަނަށް ވަޑައިގެންފިއެވެ.

މިނިސްޓަރު މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ދެ މީހުން ޕޮޒިޓިވްވުމާ ގުޅިގެން އުސޫލާ އެއްގޮތަށް އެ މަސައްކަތުގައި އުޅުނު ވޮލަންޓިއަރުން މަސައްކަތް ހުއްޓާލައި، ގޭގައި މަޑުކުރުމަށް އަންގާފައިވާނެ ކަމަށެވެ.

މިނިސްޓަރު ވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ވޮލެންޓިއަރެއްގެ ގޮތުން އިހުސާނު ފިހާރައިގެ ޑެލިވަރީގައި މަސައްކަތް ކުރައްވައިފައެވެ. އެހެންކަމުން މިނިސްޓަރު ވަނީ އަމިއްލަފުޅަށް ގޭގައި އެކަހެރިވެފައެވެ. ޔޫތު މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު އަހުމަދު އަޒްމޫނު ވަނީ އެކަން "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.

އިހުސާން ފިހާރައިގެ ދެ މުވައްޒަފަކު ކޮވިޑް 19އަށް ޕޮޒިޓިވްވިކަން ސަރުކާރުން ހާމަކޮށްފައިވަނީ މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އަލަށް މި ފެނުނު ހަތް މީހުންނާއެކު ރާއްޖެއިން މިހާތަނަށް ޖުމުލަ 67 މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރެއިން 47 މީހުންނަކީ މާލެ ތެރެއިން ފެނިފައިވާ ކޭސްތަކެކެވެ. މިއަދު އެކަނިވެސް މާލެއިން ވަނީ 15 މީހަކު ޕޮޒިޓިވްވެފައެވެ. އަދި މާލެއިން ހއ. އުލިގަމަށް ދަތުރު ކުރި މީހެއްވެސް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ.