ކޮންމެ ބަހެއްގައި ވެސް މީހުންނާ މުހާތަބު ކުރުމުގައި ބޭނުން ކުރުން ރަނގަޅު ނޫން ލަފުޒުތަކެއް ހުންނާނެ ކަމަށް ދިވެހި ބަހުގެ އެކެޑެމީން ބުނެފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު އަމާޒުކުރި ސުވާލެއްގައި ބިދޭސީންނަށް "ބަންގާޅީން" ބޭނުންކުރުމުން އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ނަމަވެސް މިއަދު ބައެއް މީހުން ވަނީ ބަންގާޅީން، އެ ބަހަކީ ދިވެހި ބަހުގެ ރަދީފުގައި ބަންގުލަދޭޝް މީހުންނަށް ނިސްބަތްކޮށް ބޭނުންކުރާ ބަހެއް ކަމަށް ބުނެ ވާހަކަދައްކާފައެވެ. ދިވެހި ބަހުގެ ރަދީފުގައި "ބަންގާޅީން"ގެ މާނައަކީ ބަންގްލަދޭޝް މީހުންނެވެ.
އެކަމާ ގުޅިގެން ދިވެހި ބަހުގެ އެކެޑެމީން ކުރި ޓުވީޓެއްގައި ބުނީ، އެއީ ބަސް ފޮތުގެ މައްސަލައެއް ނޫން ކަމަށާއި ކޮންމެ ބަހެއްގައި ވެސް އާންމު މަންސަތަކުގައި ބޭނުން ކުރުން އެކަށީގެން ނުވާ ލަފުޒުތަކާއި މީހުންނާ މުހާތަބު ކުރުމުގައި ބޭނުން ކުރުން ރަނގަޅު ނޫން ލަފުޒުތަކެއް ހުންނާނެ ކަމަށެވެ. އެގޮތުން ބަސްފޮތްތަކުގައި ހުރިހާ ޒާތެއްގެ ލަފުޒެއް ވެސް ހުންނާނެ ކަމަށް ބުނެފައި ވެއެވެ.
އެކަމާ ގުޅިގެން ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފު އަލީ ވެސް ވިދާޅުވީ، ބަސްފޮތުގައި އޮންނަ ކޮންމެ ލަފުޒެއް ކޮންމެ ކޮންމެ ހާލަތެއްގައި ބޭނުމެއް ނުކުރެވޭ ކަމަށާއި ބަހުގެ ތަބީއަތާއި ބަހެއްގެ ލަފުޒެއްގެ އިޖުތިމާއީ މާނަ އާއި އިސްއުމާލުކުރާ ގޮތް ވަރަށް ބޮޑު ދައުރެއް އަދާކުރާ ކަމަށެވެ.