އަލީ ޔާމިން
ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް 19 އާ ގުޅުވައިގެން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުންނާ ގުޅޭ ގޮތުން އެއްވެސް ހަގީގަތެއް ނެތް ދޮގުވާހަކަތައް ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ، އެއްވެސް ރަސްމީ އިދާރާއަކުން ދީފައިވާ މައުލޫމާތެއްގެ މައްޗަށް ނޫންކަމުގައި އެ ކޮމާންޑުން ބުނެފިއެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އަންހެން މުވައްޒަފަކު ކޮންޓެކްޓް ޓްރޭސިންނަށް އެއްބާރުލުން ދިނުމަށް ދެކޮޅު ހަދަމުންދާ ކަމަށް ބުނެ ސޯޝްލް މީޑިއާގައި ދަނީ އެ މުވައްޒަފުގެ ފޮޓޯ ކަމަށް ބުނެ ފޮޓޯ އަކާއި ވަނަވަރު ދައުރުކުރަމުންނެވެ.
އެކަމާ ގުޅިގެން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ، އެ ކޮމާންޑުގެ މުވައްޒަފުންނަކީ 24 ގަޑިއިރު ރާއްޖޭގެ ވައިގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އެ ބަނދަރުތަކުން ފުރާ ފަސިންޖަރުންނާއި ލަގެޖް ޗެކް ކުރުމުގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށެވެ. އަދި ކޮވިޑް 19ގެ ބިރުވެރިކަން މުޅި ދުނިޔެއަށް ފެތުރިފައިވާ މި ނުރައްކާތެރި ވަގުތުގައިވެސް ގައުމީ ހިދުމަތުގައި އާއިލާތައް ދޫކޮށް، ރާއްޖޭގެ މައި ދޮރާށިން ވަދެ ނިކުމެވާ މީހުންގެ ސަލާމަތަށްޓަކައި އެ ކޮމާންޑުގެ މުވައްޒަފުން ތިބިކަމީ އެކަމަށްޓަކައި ފަހުރުވެރިވާން ޖެހޭ ކަމެއް ކަމަށެވެ.
މީގެ އިތުރުން ރާއްޖޭން ބަލި ފުރަތަަމަ ފެނިފައިވަނީ ފަތުރުވެރިންގެ ކިބައިން ކަމުގައި ވީހިނދު މި ބަލި ފެންނަ ވަގުތުތަކުގައި، ކުރީ ސަފުގައި މަސައްކަތް ކުރާ އެ ކޮމާންޑްގެ މުވައްޒަފުންގެ ތެރެއިން އައިސޮލޭޓް ކުރުމާއި ކަރަންޓީން ކުރަން ޖެހޭ ފަދަ މުވައްޒަފުން ތިބި ނަމަ އެކަން ކުރިއަށް ގެންދަނީ ކަމާއި ގުޅޭ އިދާރާތަކުގެ އިރުޝާދުތަކާއި އެކުގައި އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކުގައި ކަމަށްވެސް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނެފައި ވެއެވެ.
އެހެންކަމުން އެ ކޮމާންޑްގެ މުވައްޒަފުންނާ ގުޅުވައިގެން އެއްވެސް އިދާރާއަކުން އަދި މިހާތަނަށް ކަށަވަރުކޮށްދީފައި ނުވާ ހަގީގަތެއް ނެތް ދޮގު މައުލޫމާތު ފަތުރަމުންދާ ދިއުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި މިފަދަ ދޮގު މައުލޫމާތުގެ މައްޗަށް އެ ކޮމާންޑުގެ މުވައްޒަފުންގެ ކަރާމާތާއި އަގު ވެއްޓޭ ފަދަ އަމަލުތަކުން ދުރުހެލުވުމަށް އެންމެހާ ފަރާތްތަކަށް ނަސޭހަތްތެރިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.