ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފެން ބޮޑުވުމުގެ ސަބަބުން މިހާތަނަށް 160 އާއިލާއެއް އެހީއަށް އެދިފައިވޭ: ރައީސް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މާލޭގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 160 އާއިލާއެއް އެހީއަށް އެދިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ކަލާފާނު ސްކޫލުގައި ގާއިމްކޮށްފައިވާ ވަގުތީ ސެންޓަރަށް ޒިޔާރަތްކުރައްވައި، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ގެއްލުންވި ހުރިހާ ގެތަކަށާއި އާއިލާތަކަށް އެހީތެރިވުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

"މިހާތަނަށް ރިޕޯޓްކުރެވިފައި އޮތް ގޮތުން 160 އާއިލާ އެހީއަށް އެދިފައި އެބައޮތް. އޭގެ ތެރެއިން އެއް އާއިލާ އިވެކުއޭޓްކޮށް ވަކިން ބަލަހައްޓަމުން މިގެންދަނީ. ގެއްލުންވި ހުރިހާ ގެތަކަށާއި އާއިލާތަކަށް އެހީތެރިވުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މިރޭ އިތުރަށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރާ ކަމަށާއި އެހެންކަމުން އެކަމަށް ސަމާލުވެ ތިބުމަކީ މުހިންމު ކަމެއް ކަމަށެވެ.

"މެޓުން މައުލޫމާތު ދޭ ގޮތުގައި މިރޭ ގާތްގަނޑަކަށް 10:00ގައި އަނެއްކާވެސް ވާރޭ ވެހޭނެ ކަމަށް އެބަ ލަފާކުރޭ. ހަމައެއާއެކީގައި ދަންވަރު 2:00 އިން ފެށިގެން ހެނދުނު 6:00އާ ދޭތެރޭ ވާރޭވެހޭނެ ކަމަށް އެބަ ލަފާކުރޭ. އެހެންވީމާ އެއަށް ސަމާލުވެ ތިބުމަކީ މުހިންމު ކަމެއް. ހަމައެއާއެކީގައި މި ދެންނެވިހެން އެމްއެންޑީއެފްއާއި ޕޮލިސް ވެސް ސަރުކާރުގެ ކަމާބެހޭ އެންމެހާ ފަރާތްތަކުން ވެސް އެކަމަށް ސަމާލުވެ ތިއްބަވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ވަޒީރުންގެ މަޖިލީހުން ވެސް އެކަމަށް ސަމާލުވެ، އެކަންތައްތައް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.