ކޮވިޑް 19އާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން ގަވައިދުން ލޭ ބޭނުންވާ މީހުންނަށް ލޭގެ ސްޓޮކް ވަރަށް ބޮޑަށް މަދުވެފައިވާތީ، އާންމު ރައްޔިތުން ލޭ ހަދިޔާ ކޮށްދިނުމަށް މޯލްޑިވިއަން ބުލަޑް ސާވިސް(އެމްބީއެސް) އިން އެދިއްޖެއެވެ.
ކޮވިޑް 19އާއި ގުޅިގެން މާލެ ލޮކްޑައުން ކޮށްފައި ވީ ނަމަވެސް ލޭހަދިޔާ ކުރަން ބޭނުންވާ މީހުންނަށް އެ އިންތިޒާމް އެމްބީއެސް އިން ވަނީ ހަމަޖައްސައިދީފައެވެ. އެގޮތުން އެމްބީއެސްގެ ނަމްބަރު 3306089 އަށް ގުޅުމުން ލޭ ހަދިޔާ ކުރަން ދިއުމުގެ އިންތިޒާމް ހަމަޖައްސައިދެ އެވެ.
ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް އެއިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެސެންޓަރުން ވަނީ ބުނެފައެވެ.
ތެލެސީމިއާ ކުދިންގެ ގަޔަށް އަޅަން ހަފުތާއަކު 160 ޔުނިޓްގެ ލޭ އެމްބީއެސްއަށް ބޭނުންވެ އެވެ. ބުލަޑް ސާވިސްގައި މިވަގުތު ތެލެސީމިއާގެ 635 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު އޭގެ ތެރެއިން 50 ޕަސެންޓް މީހުން މާލޭގައި ދިރިއުޅޭއިރު އަނެއް 50 ޕަސެންޓް މީހުން އުޅެނީ އެކި ރަށްރަށުގައެވެ.