ޚަބަރު

ރާއްޖޭގައި ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން ގައުމަށް ގެންދިއުމަށް ގަތަރު އެއާވޭސްގެ ފްލައިޓެއް މާދަމާ

އަލީ ޔާމިން

ރާއްޖޭގައި ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން އަދި އެހެނިގެން ފަސިންޖަރުން އެ މީހުންގެ ގައުމަށް ގެންދިޔުމަށް ގަތަރު އެއާވޭސްގެ ފްލައިޓެއް މާދަމާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރުމަށް ހަމަޖައްސައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގަތަރު އެއާވޭސްގެ ފްލައިޓް ކިއުއާރް 6876 މާދަމާ މެންދުރު ފަހު 15:00 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

މި ފްލައިޓުން ފުރުމަށް ޓިކެޓް ނަގައިފައިވާ ފަސިންޖަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމުގައި އަމަލުކުރަން ވީ ގޮތް ވަރަށް ތަފްސީލުކޮށް، އެ މިނިސްޓްރީގެ ސާކިއުލާ ނަންބަރު 88-B/88/2020/27 ގައި ބަޔާންކޮށްފައިވާނެ ކަމަށާއި އެ ސާކިއުލާގައި ބަޔާންކޮށްފައިވާ ތަފްސީލުތައް މިރޭ 23:59ގެ ކުރިން އެ މިނިސްޓްރީ އަށް ފޮނުވުމަށް އެދޭކަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ބުނީ ޓޫރިސްޓް ފެސިލިޓީތަކުގައި ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން އަދި އެހެނިހެން ފަސިންޖަރުންވެސް އެ މިނިސްޓްރީގެ ސާކިއުލާއާ އެއްގޮތްވާ ގޮތުގެ މަތިން އެ މިނިސްޓްރީއާ މިިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި ޓޫރިސްޓް ޕޮލިސްއާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމުގެ އިންތިޒާމު ހަމަޖެއްސުމަށް އެދޭ ކަމަށެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައިވާއިރު، ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގައި ތިބި ހުރިހާ ފަތުރުވެރިން ވީހާވެސް އަވަހަކަށް އަނބުރާ ގައުމަށް ގެންގޮސްދިނުމަށެވެ.