ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވައިލައްވައިފިއެވެ.
ރައީސް ސޯލިހު ވަނީ އެ އޮޕަރޭޝަން ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް މިރޭ ސިފައިންގެ މައި އިދާރާ އަދި ފެންބޮޑުވުމާ ގުޅިގެން ވަގުތީ ގޮތުން ކަލާފާން ސްކޫލުގައި ގާއިމްކުރި ސެންޓަރަށް ވެސް ޒިޔާރަތް ކުރައްވައިފައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ މިއީ ރާއްޖޭގައި ރެކޯޑު ކުރެވުނު އެންމެ ގިނައިން ވާރޭ ވެހުނު ދުވަސް ކަމަށް މައުލޫމާތު ލިބޭ ކަމަށާއި މާލެއަށް ގާތްގަނޑަކަށް ހަ އިންޗިއަށް 149 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ.
"އެމްޑީއެފްއާ ބައްދަލުކުރުމުން އެބޭފުޅުން ވިދާޅުވީ ފެން ހިންދުމުގައި ލަސްތަކެއް ކުރިމަތިވަނީ ފެން ހިންދުމަށް ހުރި މެކޭނިކަލް ޕަމްޕުތައް ހަލާކުވެފައި ހުރުމުގެ ސަބަބުންނޭ. އެއީ އާންމުކޮށް މާލޭގައި ފެން ހިއްކުމަށް ހަމަޖެހިފައިވާ ނިޒާމު ހަލާކުވެގެން މަސައްކަތް ނުކުރުމުގެ ސަބަބުންނޭ. ވަގުތީގޮތުން އެމްއެންޑީއެފް އިން އެޓެންޑުވެ މިހާރު 14 ސަރަހައްދެއްގައި ޕަމްޕުތައް ބަހައްޓައި، މަސައްކަތްކުރަމުން އެބަގެންދޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު ހެނދުނުން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ފެންބޮޑުވުމުގެ ސަބަބުން ސިފައިންގެ އިތުރުން ފުލުހުންނާއި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު އަދި ވަރަށް ގިނަ އާންމު ފަރުދުން ފެން ހިންދުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.